ނިޒާމާއި ގުޅޭ ވޯޓް ނެގުމުގެ މައްސަލައިގައި މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާވަލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާދަމާއަކީ ބަންދު ދުވަހަކަށްވިޔަސް، މާދަމާގެ ޖަލްސާގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރުމާ ގުޅޭގޮތުން ގާނޫނު އަސާސީއަށް ގެންނަ އިސްލާހަކާއި ނިޒާމީ ވޯޓު ނެގުމާ ގުޅޭ ގަރާރުގެ މައްސަލައިގައި ޖަލްސާއެއް ބާއްވަން އެޖެންޑާކޮށްފައިވާ ކަމަށެވެ.

މަޖިލީހުން މިގޮތަށް ޖަލްސާއެއް އެޖެންޑާކޮށްފައިވާއިރު ޢާންމުކޮށް ސަރުކާރު ބަންދު ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތައް ނުބާއްވައެވެ. މާދަމާގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށްވެސް އެޖެންޑާގައި ހިމަނާފައިވެއެވެ. އަދި ހަމައެއާއިއެކު ނިޒާމީ ވޯޓާއި ގުޅޭ ފެންނަ ނުފެންނަ ވޯޓާއި ބެހޭ ގަރާރާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މަޖިލީހަށް ފޮނުވި ސިޓީއާއި ގުޅޭ މައްސަލަވެސް މާދަމާގެ އެޖެންޑާ ކުރެވިފަވެއެވެ.

ނިޒާމީ ވޯޓާ ގުޅިގެން އީސީން ވަނީ ރައްޔިތުންގެ ކައިރިން ވޯޓަށް އަހަންވީ ސުވާލު ސާފުކޮށްދިނުމަށް އެދިފައެވެ. އަދި ހަމައެއާއިއެކު، ވެރިކަން ކުރުމުގެ ނިޒާމަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ބޭނުންވާ މައުލޫމާތާއި ނިޒާމީ ވޯޓު ބާއްވަން ބޭނުންވާ 40 މިލިއަން ރުފިޔާގެ ބަޖެޓް ހަމަޖެއްސުމަށްވެސް އީސީން އެދިފައި ވެއެވެ.

ދަ ޑިމޮކްރެޓްސް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރުގައި އެދިފައިވަނީ މިމަހުގެ 30 ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން އީސީއަށް އެންގުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން