ބަރުލަމާނީ ނިޒާމަށް ވޯޓުލާނީ ގާތްގަނޑަކަށް 15،000 ވަރަކަށް މީހުން ކަމުގައި ޔޫތް މިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަަކަދައްކަވަމުން މަހުލޫފް ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރައްވާ ކަން ހާމަކުރައްވާފައެވެ. މަހުލޫފް މިފަދައިން ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދު އަނބުރާ އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމަށް ބޭނުންފުޅުވާތީ އެވާހަކަ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެމްޑީޕީ ގައުމީ މަޖިލީސްގެ ވަޓްސްއެޕް ގުރޫޕްގައި ހިއްސާކުރެއްވުމުން އެއްވެސް ބޭފުޅަކު އެއަށް ތާއިދުކޮށް ވާހަކަ ނުދައްކާކަމަށް ފާޙަގަކުރައްވަމުންނެވެ.

ރައީސް މައުމޫންގެ ދައުރުގައިވެސް ރިޔާސީ ނިޒާމަށް ތާއީދުކުރެއްވިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ކުއްލިއަކަށް އެހާ ބޮޑު ޚަރަދެއް ކޮށްގެން މިފަދަ އިންތިޚާބެއް ބޭއްވުމަކީ އެހާ ރަނގަޅު ޚިޔާލެއް ނޫން ކަމަށެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ 50 މެންބަރުންގެ އަޣުލަބިއްޔަތު ލިބިވަޑައިގެންފިނަމަ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި މެސެޖެއްގައެވެ. ފައްޔާޒް ވަނީ އެކަން އެމްޑީޕީގެ ޤައުމީ މަޖިލީހާއި ޙިއްސާ ކުރައްވާފައެވެ.

އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ޝައުޤުވެރިކަން ރައީސް ނަޝީދު ފާޅުކުރަށްވާފައިވާއިރު ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީގެ ސްޓޭންޑް ކަނޑައަޅަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ޕާޓީގެ ޗެއަރޕާސަން ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ ޖެނުއަރީމަހު ބޭއްވި އެޕާޓީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެ ވަޑައިގެންނެވުމުން އުފެދުނު ދެބަސްވުމުގައި "ފިކުރެއްގެ ދިރުން" ނަމުގައި އުފެއްދެވި ފެކްޝަނުގައި އުޅުއްވި ބޭފުޅުން ސިޔާސީ ޕާޓީއެއް އުފެއްދެވުމުންނެވެ.

އެޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރި ނަމަވެސް ލިބިފައިވަނީ 15،839 ވޯޓާއިއެކު 3 ވަނަ އެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓުން ނިންމާފައިވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން