ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފޯނުން ގުޅުއްވައި މަރުހަބާ ދަންނަވައިފިއެވެ.

މި ފޯން ކޯލްގައި ވިކްރަމަސިންހަ ވަނީ ދެ ގައުމުގެ ދޭތެރޭގައި އޮތް ޚާރިޖީ ގުޅުން ޘރ. މުއިއްޒުގެ ވެރިކަމުގައި އިތުރަށް ވަރުގަދަވާނެ ކަމަށް އުންމީދުކުރައްވާ ޑރ. މުޢިއްޒު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ.

ދެ ބޭފުޅުންގެ ވާހަކަފުޅުގައި ރާއްޖެއާއި ލަންކާގެ ރައްޔިތުންނަށް ހެޔޮއެދޭކަމަށް އަލިއަޅުއްވާލެއްވިއިރު، އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމު ދައުރަށް ރައީސް ވިކްރަމަސިންހަ ވަނީ އަލިއަޅުއްވާލައްވާފައެވެ. ހަމައެއާއިއެކު، ތަޢުލީމާއި، ސިއްޙީ ފަރުވާއާއި، ދެޤައުމުގެ ވިޔަފާރިއާއި، އިންވެސްޓްމަންޓް ފަދަ ތަފާތު ދާއިރާތަކުން އެއްބާރުލުން ދިނުމަށް މަޝްވަރާ ކުރެވުނެވެ.

ރައީސް ވިކްރަމަސިންހަ ވަނީ މި ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި ޑރ. މުއިއްޒުގެ ސަރުކާރުން އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ޑރ. މުޢިއްޒުގެ ލީޑާޝިޕްގެ ދަށުން ރާއްޖެއަށް ކުރިއެރުން ލިބިގެންދިއުމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން