ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބާތިލު ވޯޓު ގިނަވީ ސަބަބު ބަލައި އެކަން ދެނެގަންނަން ޖެހޭ ކަމަަށް ރާއްޖެގެ ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމުން ބުނެފިއެވެ.

ރިޔާސީ އިންތިޚާބާއި ގުޅިގެން އެ ކޮމިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެންބަރު އާމިނަތު ޝިފާއަތު ޢަބްދުއްރައްޒާގް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ތެރެއިން ތިނެއް އިންސައްތަ މީހުން ބާތިލު ވޯޓު ލާފައިވާ ކަމަށެވެ. އަދި މިއީ ނިސްބަތުން ބޮޑު އަދަދެއް ކަމަށް ވިދާޅުވެ އޭނާވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މީގެ އިތުރަށްވެސް އޭނާ ވަނީ މި އިންތިޚާބާއި ގުޅުވައި މީސް މީޑިއާގައި ބާތިލު ވޯޓުލުމަށް ހިތްވަރުދޭ ފަދަ ވާހަކަތައް ފެތުރާ ހަރަކާތެއް ރާއްޖޭގައި ވުޖޫދުވީކަންވެސް ފާހަގަކުރައްވާފައެވެ. އަދި ގަސްދުގައި ބާތިލު ވޯޓުލާ މީހުން އެކަން އެގޮތަށް ކުރަނީ ކީއްވެގެންކަން ދެނެގަންނަން މަސައްކަތްކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ބޭފުޅުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާނަމަ އެފަރާތްތަކަށްވެސް ޚިޔާލު ފާޅުކުރުމުގެ އިޚްތިޔާރު ދިނުމުގެ ގޮތުން "ނޮން އޮފް ދަ އެބަވް" ގޮޅިއެއްވެސް ފާހަގަލެވޭ ގޮތަށް ވޯޓު ކަރުދާސް ފަރުމާ ކުރެވިފައި ހުންނަން ޖެހޭ ކަމަށްވެސް ޝިފާއަތު ވިދާޅުވިއެވެ.

"ފުރަތަމަ ބުރަށް ބަލާކަމަށްވަންޏާ 4835 ބާތިލް ވޯޓު. ދެވަނަ ބުރަށް ބަލާކަމަށްވަންޏާ 7888 ބާތިލް ވޯޓު އެބައޮތް." ޝިފާއަތު ވިދާޅުވިއެވެ.

ހަމައެއާއިއެކު، ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ތެރެއިން ދޭއް އިންސައްތަ ވޯޓު ބާތިލުވުމުން އާންމުންގެ ތެރޭގައި ބާތިލު ވޯޓު މަދުކުރަން ހޭލުންތެރިކަން އިތުރު ކުރެވުނު ނަމަވެސް ދެވަނަ ބުރުގައި ވެސް ބާތިލް ވޯޓު ގިނަވުމުން އަދިވެސް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝިފާއަތު ވިދާޅުވިއެވެ.

އެގޮތުން ދައުލަތުގެ ހިންގުމުގެ ނިޒާމަށް އިތުބާރު ނުކުރެވުމާއި އިންތިޚާބު ގާތްވެފައި ވަނިކޮށް ޞައްޙަ ވޯޓާއި ބާތިލު ވޯޓު ގުނާ ގޮތް ބަދަލުކުރުން ހިމެނުމީ ބާތިލުވޯޓު އިތުރުވާން ދިމާވި، ސަބަބެއް ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޞައްޙަ ވޯޓު އަޅަން ގަސްތުކުރާ ފަރާތަކަށްވެސް އޮޅިގެން ފާހަގަ އަޅަން ނުވާ ގޮތަށް ފާހަގަ ލެވުން އެކަށީގެންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވަރަށް ގާތްވެފައި ވަނިކޮށް އެކި ކަހަލަ ޝަކުވާތަކާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ވޯޓުގެ ސައްހަކަމާއި، ސިއްރުކަން ކަށަވަރު ކުރުމަށް ވަރަށް ބައިވަރު ފިޔަވަޅުތަކެއް އަޅަންޖެހުނު. އޭގެ ތެރެއިން އެއްގޮތަކީ ބާތިލް ވޯޓުގެގޮތުގައި ވަކި ކަހަލަ ފާހަގަ ޖަހައިފިއްޔާ ބާތިލްގެ ގޮތުގައި ކަނޑައެޅުން. މިސާލަކަށް ތުރުތުރު އަޅާފައި ފަވާލާފައި ފާހަގައެއް ނުވަތަ ދެ ފާހަގައެއް އެމީހާ ލާ ފާހަގައިގެ އިތުރުން ދެވަނަ ފާހަގައެއް އޭގެ މަތިން ލައިފިއްޔާ އެއީ ދެ ފާހަގައެއް ގޮތުގައި ކަނޑައެޅި އެއީ ބަތިލް ވޯޓެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށް އަހުލުވެރިވެފައި ނެތުމުން ސައްހަ ވޯޓުލުމުގެ އިންޓެންޝަންގައިވެސް ބާތިލް ވޯޓެއް ލުމުގެ ފުރުސަތު އެބައޮތް. އެއީ ވެސް އެއްސަބަބު ކަމަށް ވެދާނެ." ޝިފާއަތު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން