ސަރުކާރު ޒިންމާދާރު ކުރާ ވަރުގަދަ އިދިކޮޅު ޕާޓީ އަކަށް އެމްޑީޕީ ހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ އެމްޑީޕީ ބަލިކަށިވެ ނިކަމެތިވެގެންދާތަން ބައްލަވަން އެމަނިކުފާނު ނުހުންނަވާނެ ކަމަށެވެެ. އެގޮތުން މި ވަގުތުގެ މަސައްކަތަކީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުން ކަމަށާއި ވަރުގަދަ އިދިކޮޅު ޕާޓީ އަކަށް އެމްޑީޕީ ހެއްދެވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ޒިންމާދާރު، އިދިކޮޅު ޕާޓީއެއް މުހިއްމު ކަމަށެވެ. ޑިމޮކްރަސީ ކުރިއެރުވުމުގައި ކުރަން ޖެހޭ އެ މަސައްކަތުގައި އެމްޑީޕީއާއެކު އެމަނިކުފާނު ދެމިހުންނަވާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވިއެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސީ ކުރިމަގު ބިނާ ކުރަނީ ވަކި މީހަކު ކައިރީގައި ހުންނާނެ ކަމަށް ބަލައިގެން ނޫން ކަމަށެވެ. އަދި އެއީ، އެއްވެސް އިރެއްގައި އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅެއް ނޫން ކަމަށާއި އެ މަނިކުފާނު ދެމިހުންނަވާނީ އެމްޑީޕީ ވަރުގަދަކޮށް އެ ޕާޓީ ކުރިއެރުވުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މަގާމަކަށް ވުރެ ބޮޑަށް މި ވަގުތު އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ ޕާޓީ އެއްކޮށް ހިފެހެއްޓުމަށްޓަކައި. ޔުނައިޓް ކުރުމަށްޓަކައި. އެމްޑީޕީ ވަރުގަދަ އޮޕޮޒިޝަނަކަށް ހެދުމަށްޓަކައި،" ރައީސް ވިދާޅުވިއެެވެ.

ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހެޔޮވެރިކަމެއް ކޮށްދެވުނު ކަމުގެ އުފާ އިހްސާސްކުރެއްވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން