ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ހަރަކާތްތެރިވާ އިންތިގާލީ ކޮމިޓީގެ ވެރިއަކަށް ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ހަމަޖައްސައިފި އެވެ.

ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުއްރަހީމް މިއަދު ވިދާޅުވީ އިންތިގާލީ ކޮމިޓީގެ ވެރިއަކަށް އޭނާ މިއަދު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެހެން ކޮމިޓީތަކުގެ މަސައްކަތް ފަށައިގަނެވޭތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.



އަބްދުއްރަހީމް އެމަގާމަށް ހަމަޖެއްސިކަން އިންތިގާލީ މަރުހަލާއާ ގުޅޭ ގާނުނުގައިވާ ގޮތުގެ މަތިން ސިވިލް ސާވިސް ކޮމިޝަނަށް ވެސް މިހާރު ވަނީ އަންގާފަ އެވެ.

ރައީސް ސޯލިހާއި އިންތިހާބީ ރައީސް މުއިއްޒު އިއްޔެ ރައީސް އޮފީހުގައި ވަނީ ބައްދަލު ކުރަށްވާފައެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކަންކަން އޮމާންކޮށް ގެންދިޔުމަށް ރައީސްގެ ފަރާތްޕުޅުން ވެސް މިހާރު ވަނީ ކޮމެޓީއެއް އެކުލަވާލާފައެވެ.

ރައީސް އޮފީހުން ބުނީ ރައީސް އެކަން ހަވާލުކުރައްވާފައި ވަނީ ރައީސް އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރާއި ޗީފް އޮފް ސްޓާފް އަލީ ޒާހިރާ ކަމަށެވެެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ކަންކަން ކުރިއަށް ގެންދަންޖެހެނީ އެކަމަށް ކަނޑައަޅާފައިވާ ވަކި ގާނޫނެއްގެ ދަށުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން