އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުވެސް ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު އޮންނާނީ އިންޑިއާއަށްކަމަށް ބެލެވިއްޖެއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ހާރިޖީ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ މުހައްމަދު ހުސައިން ޝަރީފް، މުންދު ވިދާޅުވީ ޕީޕީއެމް ޕީއެންސީންއަށް ވެރިކަން ލިބިގެން އިންޑިއާއިން ކަންބޮޑުވާނެކަމަށް ނުބެލެވޭކަމަށެވެ.

ޝަރީފް ވިދާޅުވީ ހުރިހާ ގޮތަކުންވެސް އިންޑިއާއަކީ ރާއްޖޭގެ އެންމެ ބޮޑު ބައިވެރިޔާކަމަށާއި، އިންޑިއާއެކު އޮންނަ ގުޅުން އަބަދުވެސް އޮންނާނެކަމަށެވެ.

ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ރާއްޖެއިން ބޭރަށް އެންމެ ފުރަތަމަ ކުރައްވާ ދަތުރުފުޅު އޮންނާނީ އިންޑިޢާއަށްކަން ފާހަގަކުރަމުން ޝަރީފް ވިދާޅުވީ، އެ ސަގާފަތް ޕީޕީއެމް-ޕީއެންސީންވެސް ދަމަހައްޓަން ބޭނުންވާކަމަށެވެ.

މުންދު ވިދާޅުވީ އިންޑިޔާއާމެދު އެއްވެސް އިރެއްގައި ދެކޮޅުވެރިކަމެއް ނެތްކަމަށާއި މައްސަލަ އޮތީ ބޭރު ސިފައިން ތިބޭތީކަމަށެވެ. އަދި އެކަމާއި ދިވެހި ރައްޔިތުނާވެސް ދެކޮޅުކަން އޭނާ ހާމަކުރެއްވިއެވެ.

"އިންޑިއާއަކީ ރާއްޖޭގެ އެންމެ އެކުވެރި، އަދި އެންމެ ގާތް ގައުމު. ނަމަވެސް ބޭރު ސިފައިން ރާއްޖޭގައި ތިބެން ދެކޮޅު" މުންދު ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީން ވެރިކަން ހޯދާފައިވާއިރު ކެމްޕެއިންގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ އިންޑިއާ އާއި ސަރުކާރާއި އޮތް ގުޅުމެވެ. އެހެންކަމުން ގިނަ ބަޔަކު ގަބޫލުކުރީ މުއިއްޒުގެ ސަރުކާރެއްގައި އިންޑިއާއެކު އޮންނަ ގުޅުން ހީނަރުވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން