ސަރުކާރާއި ހަވާލުވެވަޑައިގަތުމަށްފަހު އެކުލަވައިލައްވާނީ އެހެން ބައެއްގެ ބާރު ނުހިނގާނެ ސަރުކާރެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ޝޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު އެކުލަވައިލައްވާނީ އެހެން ބައެއްގެ ބާރު ނުހިނގާނެ ސަރުކާރެއް ކަމަށާއި ސަރުކާރުގައި ހިނގާނީ ރައްޔިތުންގެ ބާރު ކަމަށެވެެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އެއްވެސް ބާރެއް ނުފޯރުވޭނެ ކަމަށާއި އެމަނިކުފާނު ރައީސް ކަމަށް އިންތިހާބުކުރީ ދިވެހި ރައްޔިތުން ކަމަށެވެެ.

އެހެންކަމުން އެމަނިކުފާނު ހުންނަވާނީ ދިވެހި ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން ތަރައްގީގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދަވާނެ ކަމަށާއި މިހާރު ރަށް ރަށުގައި ހިނގަމުންދާ ޕްރޮޖެކްޓްތަކާއި ހުއްޓިފައިވާ ޕްރޮޖެކްޓްތަށް ކުރިއަށް ގެންދަވާނެ ކަމަށެެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ކެބިނެޓަށާއި ސަރުކާރުގެ އެކި މަގާމުތަކަށާއި ކުންފުނިތަކަށް އައްޔަން ކުރައްވާނީ ވެސް އެ މަނިކުފާނަށް ފުރިހަމަ އިތުބާރު އޮތް، ބޭފުޅުން ކަމަށެވެ. ޑރ. މުއިއްޒު މިރޭ ވެސް ވިދާޅުވީ އަދުލްވެރިކަމާއި އިންސާފުވެރިކަމާއެކު ވެރިކަން ކޮށްދެއްވާނެ ކަމަށެވެ. އަދި ބަދަލު ހިފުމުގެ ރޫހު ނައްތާލަން ޖެހޭ ކަމަށާއި ގައުމަށް ހަމަޖެހުން އަންނާނީ އޭރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މި ގައުމުގެ މަސްލަހަތު ކޮންމެ ރައްޔިތަކު ވެސް އިސްކުރަންޖެހޭނެކަމަށާއި އެއީ ގައުމު ކުރިއަރާނެ މަގުކަމަށެވެެ.

އެހެންކަމުން ކޮންމެ ރައްޔިތަކު ވެސް ގައުމުގެ މަސްލަހަތު އިސްކުރުމަށް ޑރ. މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. އަދި ރައްޔިތުންނަށް އެމަނިކުފާނު ވެވަވަޑައިގެންނެވި ވައުދުތަކުގެ މަތީގައި ކޮންމެ ދުވަހަކު ވެސް ދެމިހުންނަވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން