އާ ސަރުކާރަކުން ވެރިކަމާ ހަވާލުވާން ކައިރިވެފައިވަނިކޮށް އާ ޕްރޮޖެކްޓުތައް ނުފަށަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

އޭސީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދަނޑިވަޅުގައި ބައެއް ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކާއި، ދައުލަތުގެ އިދާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން މުޅިން އާ ޕްރޮޖެކްޓުތައް ނުހިންގުމަށާއި ކޮރަޕްޝަނަށް މަގުފަހިވެދާނެ ގޮތްތަކަށް އަމަލުނުކުރުމަށާއި، ކުރަންޖެހޭ ހަރަދުތައް ފިޔަވާ އަލަށް ކަންކަން ނިންމައިގެން ހަރަދުނުކުރުމަށް އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީން ބުނީ ކުރިން ބަޖެޓްކޮށްފައި ނުވާ ޕްރޮޖެކްޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިނުކުރުމަށާއި ލިޔެކިޔުން ރައްކާތެރިކަމާއެކު ބެލެހެއްޓުމާއެކު ފައިސާއާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނައްތާނުލުމަށް އެދޭކަމަށެވެ. އަދި މި ކަންކަމަށް ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިބި ފަރާތްތަކުން ސަމާލުކަން ދިނުމަށްވެސް އޭސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

އޭސީސީން ވަނީ މި ދަނޑިވަޅުގައި މިފަދަ ކަމެއް ހިނގާކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެ މައުލޫމާތު ކޮމިޝަނާ ހިއްސާކުރުމަށް އަންގާފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. މުއިއްޒު އިންތިހާބު ކާމިޔާބުކުރުމާއި ގުޅިގެން ވެރިކަން ހަވާލުކުރުމުގެ އިންތިގާލީ މަރުހަލާ މިހާރު ވަނީ ފެށިފައެވެ.

އިންތިހާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރަައްވާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 17 ވާ ހުކުރު ދުވަހުއެވެ. އެހެން ނަމަވެސް ނޮވެމްބަރު 11 ވަނަ ދުވަހަށް މުޢިއްޒަށް ހުވާކުރެވޭ ގޮތަށް ހަމަޖެއްސުމާ މެދު ގާނޫނީ ލަފަޔަކަށް ސަރުކާރުން މިހާރު ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން