އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމަކީ ރާއްޖޭގެ ތަރައްގީއަށް ރައްޔިތުން ކުރި އުއްމީދު ގެއްލުވާލަން ޖެހޭ ސަބަބެއް ނޫން ކަމަށް ރައީސުޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ އަށްފަހު ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރާ ކަންތައްތަކާއި ރައްޔިތުންގެ ވޯޓް ހޯދަން ކުރަންޖެހޭ މަސައްކަތުގައި ތަފާތުތަކެއް އެބަހުރި ކަމަށެެވެ.

މިދިޔަ ފަސްއަހަރު ތެރޭގައި ސަރުކާރުން ރާއްޖެ ތެރޭގެ ރަށްރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަމާ ވޯޓާ މާ ބޮޑު ގުޅުމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ރާއްޖެ ތަރައްގީ ކުރުމަށް ކުރި މަސައްކަތުގެ ހެއު ނަތީޖާ ކުރިއަށް އޮތް ހަމަސް ދުވަސް ނުވަތަ އެއްއަހަރު ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެކަން ރައްޔިތުން ހާމަކުރަމުންދާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އެއީ، މިގައުމަށް ރަނގަޅު ހެއު ބަދަލެއް ރަނގަޅު ތަރައްގީގެ މުސްތަގުބަލެއް ކުރިއަށް އޮތް ހަމަސް ދުވަސް، އެއް އަހަރު ތެރޭގައި ފެނިގެންދާނެ، ރައްޔިތުން އެކަން ގަބޫލުކުރާނެ ރައްޔިތުން އެކަން ހާމަކުރަމުންދާތަން ތިބޭފުޅުންނަށް ފެނިވަަޑައިގަންނަވާނެ ސިޔާސީ އޮއިވަރެއްގައި މި އިންތިހާބުގެ ނަތީޖާ މިހެން ދިޔަޔަސް އެއީއަކީ އެއް އަޅުގަނޑުމެން ރާއްޖޭގެ ތަރައްގީއަކަށްޓަކައި މިކުރި އުއްމީދު ގެއްލުވާލަން ޖެހޭ ސަބަބެއް ނޫން." ރައީސް ސާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން