ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ވަކިބަޔަކަށް ތާއީދު ނުކޮށްފިނަމަ ނިޒާމީ ވޯޓަށް ތާއީދު ކުރާނެ ކަމަށް އެމްޑީޕީން ބުނިކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު އެމްޑީޕީން ދޮގުކޮށްފިއެވެ.

އެމްޑީޕީން މިހެން ބުނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީ ދިޔައިރު ދަ ޑިމޮކްރެޓްސް ޕާޓީގާތުން އެދިފައިވަނީ ވަކިބަޔަކަށް ތާއީދު ނުކޮށް ތިބެއްޖެނަމަ އެމްޑީޕީން ފެންނަ ނުފެންނަ ވޯޓަށް ތާއީދު ކުރާނެ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

އަދި އެމަގަށް މަސައްކަތް ކުރުމަށް ޑިމޮކްރެޓްސްގެ އަތުން އެމްޑީޕީން ސިޓީއެއްވެސް ހޯދި ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އަމަލާ ބަހާ ދިމާވާ ޕާޓީ އެެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ހުށަހެޅި ހުށަހެޅުމަކީ 30 ސެޕްޓެމްބަރުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރާނެ ކަމަށެވެ. އެހެންނަމަވެސް މި ހުށަހެޅުމަށް އެމްޑީޕީއިން ގަބޫލުކުރެވެން ނެތް ކަމަށް ދަ ޑިމޮކްރެޓްސްއަށް އަންގާފައިވާނެ ކަމަށް އެޕާޓީން ބުނެއެވެ.

އެމްޑީޕީން ބުނީ އޭގެ އިތުރުން އެއްވެސް ކަމަކަށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއާ ދެމެދު އެއްބަސްވެފައިނުވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން