ރާއްޖޭގެ އިޤްތިޞާދަށް މިއަހަރުވެސް ކުރިއެރުން ލިބޭނެކަމަށާއި، ނަމަވެސް ދައުލަތުގެ ހަރަދުތައް ހަމަޖެއްސުން މިހާރަށްވުރެ ހަރުދަނާކޮށް، އާމްދަނީ އިތުރުކުރަން މަސައްކަތްކުރަންޖެހޭކަމަށް ވޯލްޑް ބެންކުން ބުނެފިއެވެ.

ވޯލްޑް ބެންކުން މިކަން ހާމަކޮށްފައިވަނީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ އިގްތިޞާދާއި ގުޅޭގޮތުން ފާހަގަވާ ކަންކަމާއި ލަފާކުރުންތަކުގެ މައްޗަށް ބިނާކޮށް، ނެރުނު ރިޕޯޓެއްގައެެވެ. ދެކުނު އޭޝިޔާ ސަރަހައްދުގެ ޤައުމުތަކަށް ހާއްސަކޮށްގެން ނެރުނު ރިޕޯޓްގައި ރާއްޖޭގެ އިޤްތިޞާދާއި ގުޅޭގޮތުން އެ ބޭންކުން ވަނީ ގިނަ ކަންތައްތަކެއްވެސް ފާހަގަކޮށްފައެވެ.

ވޯލްޑް ބެންކުގެ ރިޕޯޓްގައި ބުނެފައިވަނީ ޤައުމީ އުފެއްދުންތެރިކަން މިއަހަރު 6.5 އިންސައްތަ ކުރިއަރާނެކަމަށާއި، އަދި 2024 ވަނަ އަހަރުން 2025 ވަނަ އަހަރަށްދާއިރު އިޤްތިޞާދީ ކުރިއެރުން ހުންނާނީ އެވްރެޖްގޮތެއްގައި 5.4 އިންސައްތައިގައިކަމަށެވެ.

އިޤްތިޞާދަށް ކުރިއެރުން ލިބުނަސް، ސަރުކާރުން ވިސްނަންޖެހޭ ކަންތައްތަކެއް ހުރިކަންވެސް ވޯލްޑް ބެންކުން ފާހަގަކުރެެއެވެ. އެގޮތުން ދަރަނި ބޮޑުވަމުންދިއުމުގެ ސަބަބުން އިޤްތިޞާދަށް އޭގެ ސަބަބުން ކުރިމަތިވާނެ ނުރައްކާތަކެއް އޮތްކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ދުނިޔޭގެ އިޤްތިޞާދުވެސް ހީނަރުކަމެއްގެ ތެރޭގައި އޮތްއިރު، މިހާރު ދަރަނި ނަގަމުންދާ އުސޫލުން ދަރަނި ނަގާނަމަ އެކަމުގެ ނުރައްކާ އިތުރަށް ބޮޑުވެގެންދާނެކަންވެސް ބެންކުން ފާހަގަކުރެއެވެ.

ވޯލްޑް ބެންކުން އަހަރަކު ދެފަހަރު ނެރޭ ރިޕޯޓްގައި ބުނެފައިވާ ގޮތުން އިޤްތިޞާދީ ކުރިއެެރުންތައް ލިބެމުން އަންނަނީ ޓޫރިޒަމް އިންޑަސްޓްރީއަށް އަންނަ ކުރިއެރުމާއެކުއެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިގެން ދިމާވާ އިންފްލޭޝަަނަރީ ޕްރެޝަރުތަކުގެ ސަބަބުން މާލީގޮތުން ދަތިތަކެއް ކުރިމަތިވަމުންދާކަންވެސް ވޯލްޑް ބެންކުން އަހަރަކު ދެފަހަރު ނެރޭ ރިޕޯޓްގައިވެއެވެ. ޢޭގެ މައިގަނޑު ސަބަބަކީ ދައުލަތުގެ ކެޕިޓަލް ހަރަދުތައް ވަރަށް ބޮޑަށް އިތުރުވުމާއި، ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުމާއި، ފައިސާ ޗާޕުކުުރުންކަމަށްވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެކަންކަން މާލ؛ީގޮތުން ހުރި ދަތިތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން ވަރަށް މުހިއްމުކަމަށާއި އަދި ދަރަނި މެނޭޖްކުރުމުގެ ސިޔާސަތުތައް ހަރުދަނާކުރަންޖެހޭކަމަށްވެސް ރިޕޯޓްގައިވެއެވެ.

ވޯލްޑް ބެންކުން ބުނާގޮތުން މިއަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި ހުންނާނީ ޖީޑީޕީގެ 115 އިންސައްތައިގައެވެ. އެހެންކަމުން ސަރުކާރުން ޓެކްސް ބޮޑުކުރިނަމަވެސް އަދިވެސް އިތުރު ފިޔަވަޅުތައް އަޅަންޖެހޭކަމަށް ވޯލްޑް ބެންކުން ބުނެއެވެ. އަދި މިއަހަރު ރިވައިސްކުރާނެކަމަށް ބުނި ސަބްސިޑީތައް ރިވައިސްކޮށްފައި ނުވާކަންވެސް މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ވޯލްޑް ބެންކުން ބުނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރާނަމަ މިހާރަށްވުރެ ހަރުދަނާގޮތެއްގައި ހަރަދުތައް ބަލަހައްޓަންޖެހޭކަމަށެވެ. އެގޮތުން އާސަންދައިން ހިދުމަތްދޭ އުސޫލުތައް މުރާޖައާކުރުމާއި ހައްގުވާ ފަރާތްތަކަށް ސަބްސިޑީ ދިނުމާއި ހަރުދަނާ ޓެކްސް ނިޒާމެއް ޤާއިމްކުރުމަކީ ކުރެވޭނެ ކަންކަންކަމަށް ވޯލްޑް ބެންކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން