އެމްޑީޕީ ސަރުކާރުން ނިމިދިޔަ ދައުރުގައި ކޮށްދިން ކަންތައްތައް ލަސްތަކެއް ނުވެ އިހުސާސް ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.



މިރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރާއި ބެހޭގޮތުން ބަޔަކު މީހުން ދެއްކިހާ ދޮގުތަކުގެ ހަގީގަތް ލަސްތަކެއް ނުވެ ހާމަވެގެންދާނެ ކަމަށެވެ.

"މުޅި ރާއްޖޭގެ ތަރައްގީއަށްޓަކައި ވަރަށް ބައިވަރު ކަންތައްތައް ކޮށްދެވިއްޖެ މި ފަސް އަހަރު ތެރޭ. ލަސްތަކެއް ނުވެ އޭގެ ހަގީގަތްތައް ހާމަވެ، ރައްޔިތުންނަށް އަޅުގަނޑުމެން ކޮށްދިން މަސައްކަތްތައް އިހުސާސް ކުރެވެން ފަށާނެ. އެ ދުވަސް އޮތީ މާ ދުރުގައެއް ނޫން." ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ވަނީ އެހާ ބައިވަރު ކަންތައްތައް ކޮށްދެވުނަސް ބައެއް ފަރާތްތަކުން އިންތިޚާބާއި ކައިރިކޮށް ދެއްކި ދޮގު ވާހަކަތަކުގެ ސަބަބުން ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު ކަން ފާހަގަކުރައްވާފައެވެ.

އަދި ހަަމައެއާއިއެކު، ދެވަނަ ދައުރެއް ލިބިވަޑައިނުގަތަސް ޒިންމާދާރު އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވާ، ރައްޔިތުންނަށްޓަކައި އޮޕޮޒިޝަނެއްގައި އެޮވެ އެކަން ކުރިއަށް ގެންދިއުން. އަޅުގަނޑު ހިތުން އޮޕޮޒިޝަނެއްގެ ގޮތުގައި ރަނގަޅަށް މަސައްކަތްކުރަން އެމްޑީޕީއަކީ އައު ބައެއް ނޫން." ރައީސް ޞާލިޙު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީއިން ސުލްހަވެރިކަމާއެކު އިންތިޚާބުގެ ބަލި ގަބޫލުކުރުމަކީ އެ ޕާޓީއަކީ ވަރުގަދަ އޮޕޮޒިޝަނެއްކަން ދޭަހަވާ އެއް ކަންތައް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން