ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، އާ ސަރުކާރަށް އެމްޑީޕީން އެއްބާރުލުން ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި، ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، އާ ސަރުކާރަށް އެމްޑީޕީން މަޖިލީހުގެ ތެރެއިން އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމްއާ ހިލާފަށް އެމްޑީޕީން ރަނގަޅު މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވީ ސުލްހަވެރިކަމާއެކު އާ ސަރުކާރަށް ބާރުތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަންކަމުގައި ވެސް އެމްޑީޕީން އާ ސަރުކާރަށް އެހީތެރިކަން ދޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ޕީޕީއެމް ބަލިވުމުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެ މަސައްކަތް ފެށީ އަހަރެއްހާ ދުވަސް ފަހުން ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ އެހެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން 2012 ވަނަ އަހަރު ވެރިކަން ގެއްލުމުން ޖެހިގެން އައި ދުވަހު އެމްޑީޕީ ނުކުތް ގޮތަށް މި ފަހަރު ވެސް ބަލިވުމުން، ޖެހިގެން އައި ދުވަހު މަސައްކަތް ފެށި ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވަނީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒެެވެ. އެމަނިކުފާނު ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާކުރައްވާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވާ ހުކުރު ދުވަހުއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން