ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައްޔިތުން އިންތިހާބުކޮށްފައިވާ ބޭފުޅާ ގޮނޑިކޮޅުގައި އިށީންދެވަޑައިގެންނެވުމުގެ ކުރިން، އެ ގޮނޑިކޮޅު ދަމައިގަނެގެން ނުވާނެކަމަށް ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެފައިވާ ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ގުޅޭ ވޯޓެއް ނެގުމަށް ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން މަސައްކަތް ކުރަމުންދާތީއެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ދެކޮޅުވެރި ޕާޓީއެއް ނޫންކަމަށާއި އެމްޑީޕީއަކީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްކަމަށެވެ. އެހެންކަމުން 5 އަހަރުގެ ދައުރަށް ރައްޔިތުން އިންތިހާބުކޮށްފައިވާ ޑރ. މުޢިއްޒަށް ވެރިކަން ކުރުމުގެ ފުރުސަތު ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީން ދޭންޖެހޭކަމަށެވެ.

"އަޅުގަނޑުމެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި، ޒިންމާދާރު އިދިކޮޅު ޕާޓިއެއްގެ ގޮތުގަ އެމަނިކުފާނަށް އެ ފުރުސަތު އަރުވަންޖެހޭ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކުރިއަށް އޮތް 5 އަހަރު ވެރިކަމުގެ ނިޒާމު އޮންނާނެ ގޮތާއި، ވެރިކަންކުރައްވާނެ ބޭފުޅަކު ރައްޔިތުން ކަނޑައަޅާފައިވާކަމަށެވެ. އަދި ރައްޔިތުން ގޮތް ނިންމުމުން، އެ ނިންމުމަށް އިހްތިރާމް ކުރަން ޖެހޭ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ވެރިކަން ކުރަން ރައްޔިތުން ބޭފުޅަކު ކަނޑައެޅުމުން، އެ ބޭފުޅަކު ރިޔާސަތުގައި އިންނެވުމުގެ ކުރިން ގޮނޑި ދަމައިގަތުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން