އެމްޑީޕީއާއެކު އިސްލާހީ މަސައްކަތަށް ނިކުތް މީހުން ނިކުތީ ވެރިކަމުގައި "ބަގުޑި" ބައްދަން ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޗެއާޕާސަން އަދި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، އެމްޑީޕީއާއެކު އިސްލާހީ މަސައްކަތަށް ނުކުތް މީހުން ނިކުތީ ވެރިކަމުގައި ބަގުޑި ބައްދައިގެން ތިބެން ނޫން ކަމަށާއި އެއީ ވަރަށް ސާފު ކަމެއް ކަމަށެވެ. އަދި އިސްލާހީ މަސައްކަތަށް ނިކުތް މީހުން ނިކުތީ ދިވެހި ރައްޔިތުންގެ ހައްގުތަށް ކަށަވަރު ކުރުމާއި އަނިޔާވެރިކަން ނައްތާލައި މިނިވަންކަމާއެކު ދިވެހި ރާއްޖޭގައި ދިރިއުޅެވޭނެ ގޮތެއް ހޯދުމާއި ދައުލަތުގެ އެހީތެރިކަމާއެކު އުޅެވޭނެ ފުދުންތެރި ރައްޔިތެއް ހޯދުމަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން ވޭތުވެ ދިޔަ 20 ނުވަތަ 30 ހަކަށް އަހަރު ކުރަމުން އައި މަސައްކަތަކީ އެއީ." ފައްޔާޒު ވިދާޅުވިއެެވެ.

މީގެ އިތުރުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެމްޑީޕީގެ މަގުސަދަކަށް ވާނީ އަލަށް އިންތިހާބު ކުރި ސަރުކާރު ޒިންމާދާރުކޮށް އަލުން އަނބުރާ އަނިޔާވެރިކަމަށް ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން ކަމަށެވެ. އަދި ރައްޔިތުންނަށް އަނިޔާވެރިވެ، ގާނޫނު އަސާސީއާ ހިލާފަށް ކުރާ ކަންތައްތަކުގައި އެންމެ ކުރީ ސަފުގައި އެކަމާ އިހުތިޖާޖުކޮށް އިދިކޮޅު ހެދުމުގައި އެމްޑީޕީ އޮންނާނެ ކަމުގެ ޔަގީން ކަން ފައްޔާޒު ވަނީ ދެއްވާފައެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ހިޔާލާ މަޝްވަރާ ހޯދައި އެޕާޓީގެ ސަފުތައް އަލުން ރުކުރުވާލާނެ ކަމަށެެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު އެމްޑީޕީގެ މަގުސަދަކަށް ވާނީ އާ ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރުވުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ސަރުކާރު ރަނގަޅު ގޮތުގައި ހިންގައި މިގައުމުގެ ރައްޔިތުންގެ ހެވާ ލާބަޔަށް ކުރާ ކޮންމެ ކަމެއްގައި ބައިވެރިއެއްގެ ގޮތުގައި އަޅުގަނޑުމެން ތިބޭނަން، ދިވެހި ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އަނިޔާވެރިވެ ދިވެހި ރައްޔިތުން ބަލައިގެންފައިވާ ގާނޫނު އަސާސީ އާއި ޚިލާފަށް ކަން ކުރާ ކަމަށް ވެއްޖެއްޔާ އެންމެ ކުރީ ސަފުގައި އެކަމަށް އިހުތިޖާޖްކޮށް އިދިކޮޅު ހެދުމަށް އަޅުގަނޑުމެންގެ މި ޕާޓީ އޮންނާނެ، އެކަމާ އެއްވެސް ރައްޔިތަކު ކުޑަވެސް ޝައްކު ކުރާނެ ކަމެއް ނެތް. ކުޑަކޮށް ވެސް ޖެހިލުންވެވަޑައިގަންނަވާނެ ކަމެއް ނެތް. ކުޑަކޮށް ވެސް ދެރަވާނެ ކަމެއް ނެތް. އަޅުގަނޑުމެންނަކީ ތިބޭފުޅުންގެ ހައްގުތައް އަދިވެސް ރައްކާތެރި ކޮށްދޭނެ ޕާޓީކަން ކަށަވަރުކުރައްވާ." ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން