އެންމެ ބޭފުޅަކު ކުރަން ބޭނުންވާ މަސައްކަތެއްގައި ދައުލަތުން ބޮޑު ޚަރަދެއް ކުރަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިފަދައިން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި ގުޅޭގޮތުން ގޮތް ނިންމުމަށް ރޭގައި އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ރޮޒެއިނާ ވިދާޅުވީ އެންމެ ބޭފުޅަކު ވެރިކަމަށް ނާދެވިގެން ކުރާ މަސައްކަތަށް ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ ހޭދަކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި އެ 40 މިލިއަން ރުފިޔާ އެކަނިވެރި މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުގައި ހޭދަކުރުމަކީ މާ ރަނގަޅު ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"އެންމެ ބޭފުޅަކު ކުރަން ބޭނުންވާ މަސައްކަތެއްގައި ދިވެހި ދައުލަތުން ބޮޑު ޚަރަދެއް ކުރަން ޖެހޭ ސަބަބެއް ނެތް, ބަރުލަމާނީ ނިޒާމަށް ލިބޭނީ ފަސް ޕަސެންޓު." ރޮޒައިނާ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ރޮޒެއިނާ ވިދާޅުވީ އެކިއެކި ވައިބާ ގްރޫޕްތަކާއި ސޯޝަލް މީޑިއާއަށް ބަލާލި ކަމުގައި ވިޔަސް ބަރުލަމާނީ ނިޒާމަށް ރައްޔިތުން ތާއީދުނުކުރައްވާ މިންވަރު ހާމަވެގެންދާ ކަމަށެވެ. އަދި ނިޒާމީ ވޯޓަށް އަހައިގެން ބަރުލަމާނީ ނިޒާމަށް ލިބޭނީ 5 އިންސައްތަ ވޯޓު ކަމަށް އޭނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ރިޔާސީ ނިޒާމަށް އޭނާ ތާއީދުކުރައްވަނީ އެ ނިޒާމުން ރައްޔިތުން ބޭނުންވާ ވެރިޔަކު ހޮވުމުގެ ޙައްޤު ލިބޭތީ ކަމަށެވެ. އަދި ރާއްޖެ ފަދަ އާބާދީ ކުޑަ ގައުމެއްގައި ރައްޔިތުން ބޭނުންވާ ވެރިއެއް ހޮވުމުގެ ފުރުޞަތު ނުދީ ބަރުލަމާނީ ނިޒާމުން ކުރާނެ އެއްވެސް ފައިދާއެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން