ރާއްޖޭގެ މިނިވަން ކަމަށް އިންޑިއާއިން އިހްތިރާމް ކުރާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޑިއާގެ ސަފީރު މިއަދު ދެއްވައިފި އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު މި ޔަގީންކަން ދެއްވީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައި ޑރ މުއިއްޒާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އެ ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގަތެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ ނިންމުމަށާއި ރާއްޖޭގެ މިނިވަން ކަމަށް އިންޑިއާއިން އިހްތިރާމް ކުރާނެ ކަމުގެ ޔަގީންކަން އިންޑިއާގެ ސަފީރު ދެއްވާފައިވާ ކަމަށެވެ. އަދި ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހޯދަން މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވި ކަމަށް ވެސް އިންތިހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނީ ޑރ. މުއިއްޒުގެ ވެރިކަމުގައި، އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސަފީރު ވިދާޅުވި ކަމަށެެވެ. އަދި އެކަމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތައް ކުރައްވާނެ ކަމަށް ސަފީރު ވިދާޅުވި ކަމަށް ބަޔާނުގައި ބުނެފައިވެއެެވެ.

އިންޑިޔާއިން މި ޔަގީންކަން ދެއްވާފައިވާއިރު އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕިއެމް-ޕީއެންސީ އަކީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިންޑިޔާ އައުޓް ނަމުގައި ބޮޑު ހަރަކާތެއް ހިންގާފައިވާ ކޯލިޝަނެކެެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ބުނަމުންނެެވެ.

ރައީސް ކަމަށް އިންތިހާބުވެވަޑައިތުމަށްފަހު މުޢިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކުރާނެ ކަމަށާއި ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

ނަމަވެސް މި ބައްދަލުވުމުގައި އެފަދަ ވާހަކަތަކެއް ދެކެވުނު ކަމެއް އެއްވެސް ވަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން