މިވަގުތަކީ އެމްޑީޕީ ހިންގުމުގެ ތެރެއަށް އާ ވިސްނުމާއި، ޒުވާނުންގެ ޖޯޝާއި ފޯރި އާއި ރޫހު ގެންނަންވީ ވަގުތު ކަމަށް އެޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދަައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ އެމްޑީޕީ ކުރިއަށްދާނީ ޒުވާނުންގެ ވިސްނުމާ އެއްގޮތަށް ކަމަށެވެ. އެގޮތުން ޒުވާނުން އެމްޑީޕީގެ ކުރިއަށް ނުކުންނަންޖެހޭ ކަމަށާއި ޒުވާނުން ނުކުތުމަަށް ދޭން ޖެހޭ އެހީތެރިކަމާއި ސަޕޯޓް ދެއްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިވަގުތަކީ އެމްޑީޕީ ހިންގުމުގެ ތެރެއަށް އާ ވިސްނުމާއި، ޒުވާނުންގެ ޖޯޝާއި ފޯރި އާއި ރޫހު ގެންނަންވީ ވަގުތު ކަމަށެެވެ.

"މިވަގުތަކީ އެމްޑީޕީގެ ތެރެއަށް ޒުވާން ޖޯޝާއި ރޫހު ގެންނަންވީ ވަގުތު، އަޅުގަނޑުގެ އެދުމަކީ ރިކުއެސްޓަކީ ޒުވާނުން ކުރިއަށް ނިކުމެވަޑައިގަތުން އަޅުގަނޑުމެން ތިބޭނަން އެހީތެރިވާން. އަޅުގަނޑު ހިތުން މި ޕާޓީއަށް އެބަ ބޭނުންވޭ އެ ރޫހު، އެ ޖޯޝް، އެ ވިންދު. އިރާދަކުރެއްވިއްޔާ އެމްޑީޕީ ކުރިއަށްދާނީ އަނެއްކާވެސް އާ ޒުވާނުންގެ ވިސްނުމާއި އެއްގޮތަށް،" ރައީސް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީ އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެެެވެ. އެ ޕާޓީ އުފެދުނީ 25 ޖޫން 2005 ގަައި ސްރީލަންކާގައެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތޚާބު ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އެގޮތުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އެޕާޓީގެ ކުރީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރެއްވިއެވެ. އެހެން ނަމަވެސް އެމްޑީޕީގެ ފުރަތަމަ ވެރިކަން ދައުރު ހަމަވުމުގެ ކުރިން 2012 ވަނަ އަހަރުގެ ފެބުރުއަރީ 07 ވަނަ ދުވަހު ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން އެ ސަރުކާރު ވެއްޓުނެވެ.

އޭގެފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އެޕާޓީގެ އިސް ލީޑަރު އަދި މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ ކާމިޔާބު ކުރައްވައި ރިޔާސީ ދައުރެއް ފުރިހަމަ ކުރައްވާފައެވެ. އެމަނިކުފާނުގެ ރިޔާސީ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހު 17 ވަނަ ދުވަހުއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން