އާ ސަރުކާރުގެ ވައުދުތައް ފުރިހަމަ ކުރަން ޔޫއޭއީގެ އެހީތެރިކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ޔޫއޭއީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޝެއިޚް ރަހްމާން ބިން އަބްދުލް ރަހްމާން ބިން ރަހްމާ އަލް ޝަމްސީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެެވެ.

ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ އަންނަ ދައުރުގައި ޔޫއޭއީއާއެކު އޮންނަ ގުޅުން މިހާރަށް ވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މި ގުޅުމުގެ ތެރެއިން، ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގާތްކަން މިހާރަށްވުރެ ބަދަހިވެގެންދިޔުމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މި ބައްދަލު ކުރެއްވުމުގައި މުޢިއްޒު ވަނީ ޔޫއޭއީއިން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށާއި ދިވެހި ދަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށް ފަހިކޮށްދެއްވަމުންގެންދަވާ ފަސޭހަތަކަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އަދި ފެށިގެންދާ އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ޔޫއޭއީ ސަރުކާރުގެ އެހީތެރިކަމާއި އެގައުމުގެ ވިޔަފާރިވެރިންނާއި ވުނޭރުންގެ ބައިވެރިވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ޔޫއޭއީގެ ސަފީރު ވަނީ ރާއްޖެ-ޔޫއޭއީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އިންތިހާބީ ރައީސަށް އަރުވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން