11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމަށް އެމަނިކުފާނުގެ ސަޕޯޓަރުންގެ ފަރާތުން މިރޭ ފަރިވަޅެއް އަރުވައިފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވުމުން ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައެވެ. ޔާމިން މިވަގުތު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ރައީސް ޔާމިނަށް ފަރިވަޅެއް މިރޭ އަރުވާފައިވަނީ އެމަނިކުފާނުގެ ގެކޮޅު ހ.ދޫވެހި ގޭގައި ހުންނަވަނިކޮށެެވެ. އެގޮތުން އެމަނިކުފާނަށް ފަރިވަޅެއް އަރުވާފައިވަނީ ހުޅުމާލޭ ކެމްޕެއިން ޓީމުގެ ފަރާތުންނެވެެ.

ފަރިވަޅު އެރުވުމަށް މިރޭ އިރާކޮޅު ރައީސް ޔާމިންގެ ސަޕޯޓަރުން ވަނީ ދޫވެހި ހިމެނޭ ސަރަހައްދަށް ގޮސްފައެެވެ. ފަރިވަޅު އެރުވުމުން ރައީސް ޔާމިން ގެކޮޅުގައި ހުންނަވައިގެން ސަޕޯޓަރުންނަށް ހަނާ އަޅުއްވައި ވަނީ ވާހަކަފުޅު ދައްކަވާފައެވެެ.

ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފައެވެ. އެމައްސަލައިގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު މެންދުރު ފަހު ބާއްވަން ހައިކޯޓުގައި މިހާރު ވަނީ ތާވަލްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން