ނިމިގެންދިޔަ ރިޔާސީ އިންތިހާބަކީ އިލެކްޝަން ކޮމިޝަނުން ބޭއްވި އެންމެ ފުރިހަމަ އިންތިޚާބު ކަމަށް އެކޮމިޝަންގެ ނާއިބް ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންގެ ނާއިބް ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މިއީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު، ބިރުދެއްކުމެއް ނެތި، އަމާންކަމާއެކު ބޭއްވުނު އިންތިޚާބެއް ކަމަށެެވެ.

އެގޮތުން މި އިންތިހާބަކީ އީސީން ބޭއްވި އެންމެ ފުރިހަމަ އިންތިޚާބު ކަމަށް ހަބީބް ވިދާޅުވިއެވެ. ހަބީބް ވިދާޅުވީ މީގެކުރިން ބޭއްވުނު ބައެއް އިންތިޚާބުތަކުގައި އެ އިންތިޚާބެއް ކާމިޔާބު ނުވުމުން ބައެއް ކަހަލަ ތުހުމަތުތައް އިލެކްޝަނަށް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މިފަހަރު އެފަދަ އެއްވެސް ކަމެއް ފެނިފައި ނުވާކަމަށް ހަބީބް ވިދާޅުވިއެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބާތިލް ވޯޓުތަށް ގިނަ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެކަންތައްތައް ދިރާސާ ކުރައްވާނެ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ހަބީބް ވަނީ މި އިންތިހާބުގައި ނާކާމިޔާބުވެވަޑަައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ބަލި ގަބޫލު ކުރެއްވި ކަން ފާހަގަކުރައްވާފައެވެ. އަދި އެއީ އިންތިހާބުގައި އެމަނިކުފާނު ދެއްކެވި ޑިމޮކްރަސީގެ ރީތި މިސާލެއް ކަމަށް ހަބީބް ވިދާޅުވިއެެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން