ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމު މިނިވަން ކުރަން ހިިންގާ މަގުމަތީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެފައިސާ ލޯންޑާކުރިކަން ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް ރައީސް ޔާމިން މިވަގުތު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

މަގުމަތީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް ޔާމިން އެދިވަޑައިގަތީ ހުޅުމާލޭ ކެމްޕެއިން ޓީމު އެމަނިކުފާނަށް ފަރިވަޅެއް އެރުވުމަށް ރޭ ބޭއްވި ހަރަކާތުގައި ގެކޮޅުގައި ހުންނަވައިގެން ސަޕޯޓަރުންނާއި މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނު މިނިވަން ކުރަން ހިންގާ މަގުމަތީ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. އަދި މިހާރު ޕީޕިއެމްގެ މުޒާހަރާ ކުރާ ފަރާތްތައަ ނަގާ އުކާލަން ފުލުހުންނާއި ސިފައިން ނާއްނާނެ ކަމަށް ޔާމިން ވިދާޅުވިއެވެ. ޔާމިން ވަނީ ޕީޕިއެމްގެ އިސް ބައެއް ބޭފުޅުން އެމަނިކުފާނު މިނިވަންކުރަން ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިނުގަންނަވާ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.

"އާންމުކޮށް މުހާވިރާ ބަހެއްގައި މި އޮންނަނީ ކުދި ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ގޮތަށޭ، އެހެންވީމަ ބޮޑު ސޯބުތައް އެބުރެންޖެހޭ، މި ކުދި ސޯބުތައް މިއަށް ވުރެ ބާރަށް އެބުރެން. އެކަން ކުރީމަ އަޅުގަނޑުމެންނަށް ފޯރިގަދަ ކުރެވޭނީ. އެކަން ކުރީމަ ސަރުކާރަށް ދޫކޮށްލަން ފަސޭހަވާނީ އަޅުގަނޑު." މަގުމަތީގެ ހަރަކާތްތައް މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ގޮވާލައްވާފައިވާ ގޮވާލެއްވުމަށް ގޮންޖައްސަވައި ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ އިސްތިއުނާފު މަރުހަލާ ނިމޭއިރު އެމަނިކުފާނު މައުސޫމް ބޭފުޅެއްގެ ގޮތުގައި ނިކުމެ ވަޑައިގަންނަވާނެ ކަމަށެވެ. ޔާމިން ވިދާޅުވީ އެމަނިކުފާނާއި މެދު ސަރުކާރުން މިހާރު ބިރުގަންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ގޭ ބަންދުކޮށްފައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ޔާމިން ވަނީ ސުވާލު އުފައްދަވާފައެވެ.

"އެހެންވީމާ އަޅުގަނޑުގެ ޕާޓީގެ ބޭފުޅުން ވެސް ތިބޭފުޅުން ވެސް މަސައްކަތް ކުރަަންވީ ދެން މިހާރު މަގުމަތީގައި ހިންގާ ހަރަކާތްތައް މިއަށްވުރެ ވަރުގަދަކުރަން. މިހާރު ތިބޭފުޅުން ނަގާ އުކާލާކަށް ފުލުހުންނެއް ނާންނާނެ، ސިފައިން ނާންނާނެ މިހާރު ނުކެރޭނެ އަންނާކަށް، އޭރުވެސް އައީ އަންނަން ބޭނުންވެގެންނެއް ނޫން. ދަންނަވާލަން ބޭނުންވަނީ މި އަދަދުތައް ގިނަ ކުރައްވާށޭ މަސައްކަތް ވަރުގަދަ ކުރައްވާށޭ. އިރާދަކުރެއްވިއްޔާ ދެނެއް އަޅުގަނޑުމެންގެ އަންހެން ބޭފުޅުން ނަގާ އުކާލައި ތަންތަނަށް އަނިޔާކޮށް މިއިން އެއްވެސް ކަމެއް ދެނެއް ނުހިގާނެ." ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވެފައިވާއިރު ޔާމިން މިނިވަން ކުރަން ހިންގާ މަގުމަތީ ހަރަކާތް ނުބޭއްވުމަށް އެޕާޓީގެ ސަޕޯޓަރުންގެ ކިބައިން އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނު ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެވަޑަައިގަންނަވާ ދުވަހާއި ހަމަޔަށް ރަައީސް ޔާމިން ޖަލު ހުކުމުން މިނިވަން ވެވަޑައިނުގަންނަވާނީ ސަރުކާރުގެ ނުފޫޒު ޖުޑިޝަރީއަށް އޮތުމުން ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑަައިގަންނަވާ ފުރަތަމަ ދުވަހު ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުމަކަށް އަންނާނެ ކަމަށާއި އޭރުން ރައީސް ޔާމިން މިނިވަންވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑަށް މިކަން ކުރުމުގެ ފުރުސަތު، ހާއްސަކޮށް އަޅުގަނޑުމެންގެ ދެ ޕާޓީގެ މެމްބަރުންގެ ކިބައިން އަޅުގަނޑު އެދެން މި ފުރުސަތު ދެއްވުމަށް، އޭގެ ބޭރުން މަގުމައްޗަށް ނިކުމެ ޖަލްސާތައް ބާއްވައި ހިނގާލުންތައް ބާއްވައި އަޑުގަދަކޮށް ހަދާކަށް އަޅުގަނޑު ނޭދެން. އެކަން ނުކުރެއްވުމަށް އަޅުގަނޑު އެދެނީ،" ރާއްޖޭގެ އަށްވަނަ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވާ މުއިއްޒު ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން