މައްސަލަތައް ބަލަން ފަށައިފިނަމަ މި ސަރުކާރުގެ އެކަކުވެސް ސަލާމަތްނުވާނެ ކަމުގައި ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން މިފަދައިން ވިދާޅުވީ ރޭ އެމަނިކުފާނުގެ ގެކޮޅު، ހ. ދޫވެހި ކައިރިއަށް "ފަރިވަޅެއް" އަރުވަން އެއްވި ހުޅުމާލެ ކެމްޕެއިން ޓީމާއި މުހާތަބު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެފައިސާ ލޯންޑާކުރިކަން ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް ރައީސް ޔާމިން މިވަގުތު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ދޫވެހީގެ ކުޑަދޮރު ކައިރީގައި ހުންނަވައިގެން އެއްވެފައި ތިބި ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަން ހިންގައި ފައިސާތައް ނަގާފައިވަނީ ބޮޑެތި ލޮރީތަކުގައިކަން އެނގޭނީ މައްސަލަތައް ތަހުގީގު ކުރަން ފެށުމުން ކަމަށެވެ.

"އެ ތަނުގައި ހަމަ ސަލާމަތްވާނެ އެއްވެސް މީހެއް ނެތް. އަޅުގަނޑުމެންގެ ސަރުކާރުން މިހާރު މި އުފެދޭ ސަރުކާރުން ކެރެންވީ މައްސަލަތައް ބަލަން. މައްސަލަަތައް ބަލައިފިއްޔާ ފެންނާނެ،" ޔާމީން ވިދާޅުވިއެވެ.

ސަޕޯޓަރުންނާއި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މަގާމުތައް ލިބިގެން ފިނި ކޮޓަރީގައި ޖެހުނީމާ ކަންކަން ހަނދާން ނެތޭ ބޭފުޅުން ވަރަށް ގިނަ ކަމަށެވެ. އަދި މަގާމުތަކަށް އާދެވުނީމާ އެމަނިކުފާނާއި ސަޕޯޓަރުން ކޮށްދެއްވި މަސައްކަތްތައް ހަނދާން ނެތުމަކީ އެއީ އިންސާނީ ތޮބިއްޔަތު ކަމަށެވެ. އަދި އެބޭފުޅުންގެ ބަދަލުގައި އެމަނިކުފާނަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ އަންހެން ސަޕޯޓަރުން ކަމަށް ފާހަގަކުރެއްވިއެވެ.

ރައީސަ ޔާމީން ވަނީ ޕީޕިއެމްގެ އިސް ބައެއް ބޭފުޅުން އެމަނިކުފާނު މިނިވަންކުރަން ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިނުގަންނަވާ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރު އެމަނިކުފާނު ޖަލުން މިނިވަން ކުރެއްވުމަށް ސަރުކާރު އަދި އެނޫން ބައެއްގެ ކިބައިންވެސް އާދޭސް ނުކުރައްވާނެ ކަމަށާއި އެމަނިކުފާނު މިހާރު ވަނީ ޖަލަށް ހޭނިފައި ކަމަށެވެ.

ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ ވެރިކަމުން ލިބޭ ބޮޑު މުސާރައާއި ޝަރަފާއި ޢިއްޒަތް ނުލިބިދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ޖަލުގައި ބަހައްޓަވައިގެން އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށް ސަރުކާރާއި އިންޑިއާއިން ހީފުޅުކުރެއްވި ކަމަށެވެ. އަދި ކެންޑިޑެސީ ބާތިލުވުމުން ވާދަވެރިން ހީފުޅުކުރެއްވި ފަދައިން އެމަނިކުފާނު އެކަމާއި ހިތާމަ ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފައެވެ. އެމައްސަލައިގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު މެންދުރު ފަހު ބާއްވަން ހައިކޯޓުގައި މިހާރު ވަނީ ތާވަލްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން