ރާއްޖޭގައި މަސައްކަތްކުރާ ދިވެހި ފިރިހެން މުދައްރިސުން މަދުވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ޓީޗަރުންގެ ދުވަހުގެ މުނާސަބާއާއި ގުޅިގެން ދެއްވި ޚިތާބުގައި ޑރ. ޢާއިޝަތު ޢަލީ ވަނީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހި ފިރިހެން މުދައްރިސުން މަދުކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ކިޔަވައިދޭ ކޮންމެ 4 ޓީޗަރަކުން ތިން ޓީޗަރުންނަކީ އަންހެން މުދައްރިސުން ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރައްވާ މުދައްރިސުންގެ ތެރެއިން 22 އިންސައްތަ ޓީޗަރުންނަކީ ބިދޭސީން ކަމަށްވެސް އެކަމަނާ ހާމަކުރެއްވިއެވެ.

މިއަހަރު މުދައްރިސުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ޔުނެސްކޯއިން ހިޔާރުކޮށްފައިވަނީ "އެދޭ ތައުލީމު ދިނުމަށް ބޭނުންވާ މުދައްރިސުން ލިބުމުގެ ދަތިކަން ހައްލުކުރުން ތައުލީމީ ޒަރޫރަތެއް" މި ޝިއާރެވެ. މި އިބާރާތުގެ މާނައަކީ ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ތައުލީމާއި ތަރުބިއްޔަތު، ދަރިވަރުންގެ ކިބައިގައި ކޮންމެހެންވެސް އަށަގަނެވުމަށްޓަކައި ރަނގަޅު މުދައްރިސުން ބޭނުންތެރިވުން ކަމުގައި ޑރ. އާއިޝަތު ޢަލީ ވިދާޅުވިއެވެ. އަދި ރަނގަޅު ޓީޗަރުން ލިބުމަކީ ހުރިހާ ޤައުމަކަށްވެސް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަން މި ޝިޔާރުގެ މާނައިން ދޭހަވެގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓީޗިންގ ދާއިރާއަށް ރަނގަޅު މުވައްޒަފުން ނުލިބެނީ މުދައްރިސުން މަސައްކަތް ކުރަންޖެހޭ މާހައުލުގެ ސަބަބުން، ކަމަަށް ޔުނެސްކޯއިން ފާހަގަކުރާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ގައުމުތަކަކަށް ދެވަނައަަށް ދިމާވެފައިވާ މައްސަލައަކީ މި ދާއިރާގައި މަސައްކަތްކުރާ ފިރިހެނުން މަދުވުން ކަމަށް ޔުނެސްކޯއިން ފާހަގަކުރާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް، ޔުނެސްކޯއިން 7 ފިޔަވަޅެއް ހުށަހަޅާފައިވާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މުދައްރިސްކަން ކިޔަވާ ދަރިވަރުން ތަމްރީން ފަށާއިރު އެ ތައުލީމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ. އަދި ކޯސްތަކުގެ ޕީގެ އިތުރަށް، ކިޔަވާ މުއްދަތުގައި ދަސްކުރާ މުދައްރިސުންނަށް އެލަވަންސެއް ދިނުން މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއިއެކު ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އެކަށީގެންވާ މުސާރައާއި އިނާޔަތް ޓީޗަރުންނަށް ދިނުމުގެ އިތުރަށް މުދައްރިސުން ކިޔަވައިދިނުމަށް ހުސްވާގޮތަށް، އިދާރީ މަސައްކަތްތައް މަދުކުރުމާއި، މަސައްކަތު ވަގުތު ލުއިކޮށްދީ، މަދަރުސާތައް ހިންގާ ފަރާތްތަކުން މުދައްރިސުންގެ މަސައްކަތަށް އެހީތެރިވާން ޖެހޭނެ ކަމަށް ޔުނެސްކޯއިން ދެކޭކަން މިނިސްޓަރގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން