ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްކެވި ނަމޫނާއަށް އިލެކްޝަންސް ކޮމިޝަނުން ތައުރީފް ކޮށްފިއެވެ.

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުޅާން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މީގެކުރިން ރިޔާސީ އިންތިހާބުގައި ބަލިވާ ފަރާތުން ނަތީޖާ ގަބޫލުނުކޮށް، އެކި ތުހުމަތުތައް ކޮށްފައިވާކަމަށެވެ.

ހަބީބް ވިދާޅުވީ މިފަހަރުގެ އިންތިހާބުގެ ނަތީޖާއާއެކު އިންތިހާބުން ނާކާމިޔާބު ރައީސް ސާލިހުގެ ފަރާތުން ފެނިގެންދިޔައީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއްކަަމަށެވެ.

"މިފަހަރު ފެނިގެންދިޔައީ ޑިމޮކްރަސީގެ ވަރަށް ރީތި މިސާލެއް. ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވުނު ނަމަވެސް ޑިމޮކްރަސީގެ ހަމަތަކުން އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވައި އެކަން އިއުލާން ކޮށްދެއްވި ކަމަށްޓަކައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޝުކުރު ދަންނަވަން" ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ މިފަހަރުގެ އިންތިހާބުގެ ހުރިހާ ކަމެއްވެސް އަމާންކަމާއި ސުލްހަވެރިކަމާއެކު ކުރިއަށްދިއުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށެވެ.

މީގެކުރިން 2013 އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހިގެން ބަލިވާ ފަރާތްތަަކުން ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އަދި 2013 ވަނަ އަހަރު އެގޮތަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން އިންތިހާބު ނަތީޖާ ބާތިލްކޮށް އަލުން ވޯޓްވެސްލިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން