ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ޕީޕީއެމް-ޕީއެންސީން އެކުލަވާލި ޓްރާންސިޝަން ކޮމިޓީގައި އެކި ދާއިރާތަކުގެ ތަޖުރިބާކާރު އަންހެނުން ހިމެނޭނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ހީނާ މިފަދައިން ވިދާޅުވީ އެކްސްގައި މީހަކު ކޮށްފައިވާ ކޮމެންޓެއްގައި އެކޮމިޓީގައި އަންހެނުން ނުހިމެނޭ ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވާތީއެވެ.

ހީނާ ވިދާޅުވީ ޓްރާންސިޝަން ކޮމިޓީ އެކުލަވާލެވެނީ ތަފާތު ދާއިރާތަކުން ފަންނުވެރި ހުނަރުވެރި ގާބިލް އަންހެނުން ހިމެނޭ ގޮތަށް ކަމަށެވެ. އަދި ޓްރާންސިޝަން ކޮމެޓީތައް އެކުލެވިފައިވަނީ އަންހެން ބޭފުޅުންގެ ބައިވެރިވުން މަދުކޮށް ކަމަށް ވިދާޅުވެ ޕޯސްޓުގައި ހިމެނޭ ފޮޓޯއަކީ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އެޕޮއިންޓް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ފޮޓޯއެއް ކަމަށާއި އޭގައި ބައިވެރިވީ ދެޕާޓީގެ ލީޑަރުން ކަމަށް ހީނާ ހާމަކުރެއްވިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދް އިތުރަށް ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގަައި ދެވަނައަކަށް އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ އަންހެން ބޭފުޅުންނަށް ކަމަށެވެ.

އެކްސްގައި ޚިޔާލުފާޅުކުރި މީހާގެ ކަންބޮޑުވުމަކީ ޕީއެންސީން އެކުލަވާލި ޓްރާންސިޝަން ކޮމެޓީގައި އަންހެންބޭފުޅުން ނެތުމެވެ. އަދި މިއީ ޕީއެންސީގެ ސަރުކާރެއްގައި ވެދާނެ ކަމަށް އެންމެ ބިރުގަތް ކަންތައް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރާއިރު މި ކަންތައް ތަފާތުވެގެންދާނެ ކަމަށް އުންމީދުކުރާ ކަަމަށް އޭނާ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން