މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުން 1.4 މިލިއަން ރުފިޔާއަށް އަރާ ކަމަށް ލަފާ ކުރެވޭ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން މިއަދު އާންމުކުރި މައޫލޫމާތުތަކެއްގައި ބުނެފައިވަނީ މިދިޔަ މަހު ކުރި ވިއްސާރައިގައި ހަތަރު ރަށަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 1.4 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މީގެތެރެއިން އެ އޮތޯރިޓީން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާ ތެރޭގައި ހިމެނޭ ގޭތެރޭގައި ހިފާ ގެންގުޅޭ ޒަރޫރީ ތަކެއްޗަށާއި، ފަރުނީޗަރަށް ލިބުނު ގެއްލުން އެކަނި ވެސް ތިން ލައްކަ ރުފިޔާއަށް ވުރެ ބޮޑު ކަމަށް އެ އޮތޯރިޓީން ބުނެއެވެ.



އެންޑީއެމްއޭއިން ބުނީ ރަށްރަށުގައި ފެންބޮޑުވެ އާންމު ފަރުދުންގެ ގެދޮރަށާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމުގެ މަގުސަދުގައި އާންމުކޮށް ވާރޭ ވެހިގެން ފެންބޮޑުވާ ފަސް ރަށަކަށް މިއަހަރު ތެރޭގައި ފެން ހިއްކާ ޕަންޕު ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި ފެށޭ ހަފްތާގައި އިތުރު 13 ރަށަކަށް ފެން ހިއްކާ ޕަންޕު ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއޭއެމްއޭ އިން ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެެވެ. އެގޮތުން މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހަތަރު ރަށެއްގައި ފެންބޮޑުވެފައިވާ ކަމުގެ ރިޕޯޓް ކޮށްފައިވާ ކަމަށް އެންޑީއޭއެމްއޭ އިން ބުނެއެވެ. އެހެން ނަމަވެސް އެއްވެސް ގެއަކުން މީހުން ބަދަލުކުރަންޖެހިފައިނުވާ ކަމަށް އެންޑީއޭއެމްއޭއިން ބުނެފައިވެއެވެ.

ކުރިއަށް އޮތް ދެ ދުވަހު މެދު ރާއްޖެ ތެރެއަށާއި ދެކުނަށް މޫސުން ގޯސްވެ ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވެސް ވަނީ ލަފާކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން