ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ލަންކާގެ ސަފީރު ދެއްވައިފިއެވެ.

ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރ އާދަމް މަޒްނަވީ ޖައުފަރު ޞާދިޤު މިފަދައިން ވިދާޅުވީ މިއަދުގެ ވަގުތެއްގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޚްތިރާމުގެ ޒިޔާރަތެއްގައެވެ. މި ބައްދަލުކުރެއްވުން އޮތީ ޑރ. މުޢިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައެވެ. ބައްދަލުވުމުގައި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގަތެވެ.



ބައްދަލުވުމުގައި، ޑރ. މުޢިއްޒުގެ ރިޔާސީ ދައުރުގައި، ސްރީލަންކާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އެގުޅުން އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެ، ޒަމާނުއްސުރެ، ސްރީލަންކާއާ ދިވެހިރާއްޖެއާ ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުންތައް ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ. އަދި، ފެށިގެންދާ އާ ދައުރުގައި އެ ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް އެދިވަޑައިގަންނަވާކަމަށްވެސް ދެ ބޭފުޅުން ވިދާޅުވިއެވެ.

ޑރ. މުޢިއްޒު އިންތިޚާބުވެވަޑައިގަތް ފަހުން އެކި ޤައުމުތަކުގެ ސަފީރުން ވަނީ އެމަނިކުފާނުގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތް ކުރައްވައިފައެވެ. މިހާތަނަށް ޗައިނާ، އިންޑިއާ، އިނގިރޭސި ވިލާތް، ސައުދީ އަރަބިއްޔާ އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުން އެމަނިކުފާނާއި ބައްދަލުކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން