ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް އެލަވަންސް ދިނުމަށް 18 މިލިއަން ރުފިޔާ ހޭދަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ޓްރެއިނަރުންނާއި، ކޯޑިނޭޓަރުންނާއި، ލިއޭޒަން އޮފިސަރުންނާއި، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވި އޮފިޝަލުންނާއި ރިޒަރވް އޮފިޝަލުންކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ފަރާތްތަކަަށް ދޭންޖެހޭ ފައިސާ ދިފައިވާކަމަށާއި ބާކީ ތިބި މީހުންނަށްވެސް އެލަވަންސް ޖަމާކުރުމަށް ފޮނުވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިފެށޭ ހަފްތާގެ ނިޔަލަށް ހުރިހާ އޮފިޝަލުންނަށް ފައިސާ ދީ ހަޅާސްކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ކޮމިޝަނުން ބުނީ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރި ފަރާތްތަކުގެ އަދަދު 500 އަށް އަރާކަމަށެވެ. އަދި އެ ހުރިހާ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި ޖުމްލަ 18 މިލިއަން ރުފިޔާ ދޭންޖެހޭކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

ރިޔާސީ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރި ފަރާތްތަކުގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިއެއްގެ އުޖޫރައަކީ 1500 ރުފިޔާއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200 ރުފިޔާ އަދި ވޯޓުލާ މަރުކަޒުގެ އޮފިޝަލެއް ނަމަ 1000 ރުފިޔާއެވެ. އަދި ރިޒަރވް އޮފިޝަލުންނަށް 500 ރުފިޔާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން