އިސްރާއީލުން ވެރިވެގެން އުޅޭ ފަލަސްތީނުގެ ގާޒާގައި ހިނގަމުންދާ ކަންތައްތަކާއި ގުޅިގެން ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިސްރާއީލުގެ އިސްތިއުމާރާއި ދެކޮޅަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާތަކަކާއެކު މުޅި ދުނިޔޭގެ ސަމާލުކަން ވަނީ މެދުއިރުމައްޗަށް ހުއްޓިފައެވެ. ހަމާސް ޖަމާއަތުން ދިން ވަރުގަދަ ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އިސްރާއީލުން ދަނީ ގާޒާގެ އެތަންމިތަނަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ. ދެ ފަރާތުން ބަދަލުކުރަމުންދާ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.

ގާޒާގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ބުނީ ދިވެހި ސަރުކާރު އޮންނާނީ ފަލަސްތީނު ރައްޔިތުންނާއި ފަލަސްތީނުގެ ސަރުކާރާއިއެކު ކަމަށެވެ. އަދި އިސްރާއީލުން ވެރިވެގެން އުޅޭ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް އދގެ ފާސްކޮށްފައިވާ ގަރާރުތައް ފުރިހަމައަށް ތަންފީޒުކުރުމަށްވެސް ރާއްޖެއިން ގޮވާލާފައިވެއެވެ.

ސަރުކާރުގެ ބަޔާނުގައި، މެދުއިރުމައްޗަށް ސުލްހަ އަންނާނީ، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރި ރަށުގެ ގޮތުގައި ކަނޑައަޅައިގެން ގާއިމްކުރާ ފަލަސްތީނުގެ މިނިވަން ދައުލަތެއްވެސް ގާއިމްކުރެވިގެންކަމަށް ބުނާ ބުނުން ވަނީ ތަކުރާރުކޮށްފައެވެ.

ހަމާސްއިން އިސްރާއީލަށް ރޭ ފަތިހު ދިން ހަމަލާއަކީ މިހާތަނަށް ހަމާސްއިން އިސްރާއީލާއި ދެކޮޅަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ. ޔަހޫދީންގެ ބަންދަކާއި ދިމާކޮށް ދިން ހަމަލާއާ ގުޅޭ ޖާސޫސީ އެއްވެސް މައުލޫމާތެއް އިސްރާއީލަށް ލިބިފައިނުވާތީ ގިނަ ބަޔަކު ވަނީ ހައިރާންވެފައެވެ.

ފަލަސްތީނުގެ ހަނގުރާމަވެރިން ދިން ކުއްލި ހަމަލާގައި އިސްރާއީލުގެ ސިފައިންނާއި އާއްމުންގެ އެތައް ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ސިފައިން ވަނީ ހަނގުރާމަވެރިންގެ އަތް ދަށުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން