ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ހިޔާނާތުގެ މައްސަލަތައް ތަހުގީގުކޮށްފާނެތީ އެކަން ހުއްޓުވައި އަދި އައު ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ބޭނުމުގައިކަމަށް ދަ ޑިމޮކްރެޓްސްގެ އިސް މެންބަރެއްކަމަށްވާ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނެވި އަމްރު ރޭ ވިދާޅުވީ ‏މީގެ ކުރިން ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅީ ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ބުނެކަމަށެވެ. އަދި މިހާރު އެކަން ކުރަން އަލުން އުޅޭއިރު ސަރުކާރަށް އޮތީ މަސްދުވަސް ކަމަަށާއި ކުރަން އޮތީ ހަމައެކަނި އާ ސަރުކާރަށް ސަރުކާރު ދޫކުރުމުގެ މަސައްކަތްކަން އަމްރު ފާހަގަކުރެއްވިއެވެ.

އަމްރު ވިދާޅުވީ ރިޔާސީ އިންތިހާބުން ބަލިވި ޕާޓީން މިވަގުތު މަޖިލިހުގެ ރިޔާސަތު އަތުލަން މަސައްކަތް ކުރަނީ ‏މި ދައުރުގައި ހިންގާފައި ހުރި ޚިޔާނާތުގެ މައްސަލަތައް ބެލުމަށް ހުރަސްް އެޅުމުގެ އިތުރުން، އަންނަން އޮތް ސަރުކާރަށް މަޖިލިހުން ހުރަސް އަޅަންކަން އެންމެންނަށްވެސް ވަރަށް ސާފުކަމަށެވެ.



"އާ ސަރުކާރަށް ފުރުސަތު ދޭންޖެހޭ އަދި މި ސަރުކާރުގެ ޚިޔާނާތުގެ މައްސަލަތައް ބެލުމަކީ ޤައުމަށް ސިޔާސީ ހަމަޖެހުން ގެނައުމާ ރައްޔިތުންގެ އިތުބާރު ހޯދުމަށް ކޮންމެހެން މުހިއްމު ކަމެއް." އަމްރު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިހާރު ވަނީ ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅަންޖެހޭ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުންވާ އަދަދަށް ސޮއި ހަމަކޮށްފައެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހަޅާ މައިގަނޑު ސަބަބަކީ، މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ އެމްޑީޕީއަށް ވެފައި، މަޖިލީހުގެ ރައީސްކަމުގެ މަގާމަކީ އެ ޕާޓީއަށް އޮންނަންޖެހޭނެ މަގާމެއް ކަަމަށް ޕީޖީ ގްރޫޕްގެ މެމްބަރުން ގަބޫލުކުރައްވާތީކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރެވޭނީ އިތުބާރު ނެތްކަމުގެ ވޯޓުގައި މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީއަށް ނިސްބަތްވާ 55 މެމްބަރުން މަޖިލީހުގައި އެބަ ތިއްބެވެ.

މީގެކުރިންވެސް އެމްޑީޕީން ވަނީ މަޖިލިސް ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މަޖިލިސް ހުއްޓުމަކަށް އައުމުން އެކަން ކާމިޔާބުވެފައެއް ނުވެއެވެ. އަދި ފަހުން އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

އަލީއާދަމް

09-Oct-2023

ކަލޯ ވައްކަން ތަހުގީގުކުރަނީ މަޖިލިހުގެ ރައީސްތަ؟



ޓްރެންޑިން