ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީ އަވަހަށް ބޭއްވުން މުހިއްމުކަމަށާއި، ޕާޓީތަކުގެ ޕްރައިމަރީ ލަސްކޮށްފިނަމަ ދަތިތަކެއް ކުރިމަތިވެދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް މުޅިން ޔަގީން ނުވިޔަސް، އިންތިހާބު ދިމާވާނީ ކުރިއަށް އޮތް ރޯދަމަހާއި ކަމަށެވެ.

އިލެކްޝަނުން ބުނީ މިހާރު ހިނގަމުންދާ މަޖިލިސް ހުވާކުރީ 2019ވަނަ އަހަރުގެ މޭމަހުގެ 29ވަނަ ދުވަހުކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމާއި ގުޅޭ ހުރިހާ މަސައްކަތްތައް 2024 އޭޕްރިލް 29ގެ ކުރިން ނިންމަންޖެހޭނެކަމަށް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މަޖިލިސް އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑައެޅުމަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. އެގޮތުން ރޯދަމަހާއި ސްކޫލް އިންތިހާނުތަކަށް ބެލުމަށްފަހު އެކަމަށް ދުވަހެއް ކަނޑައެޅޭނެކަމަށް ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ބުނީ މިހާރު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެ ދުވަސް އަންދާޒާ ކުރެވޭއިރު ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީތައް އަވަސްކުރަންޖެހޭކަމަށެވެ. އަދި ފަހު ވަގުތަށް މަޑުކޮށްފިނަމަ ދަތިތަކެއް ކުރިމަތިވެދާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މިހާރު 87 ދާއިރާ ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިހާބުގައި މަޖިލީހަށް 6 ދާއިރާއެއް އިތުރުވާނެއެވެ.

ބައެއް ޕާޓީތަކުގެ މެމްބަރުން މިހާރުވެސް ދަނީ މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރަމުންކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން