އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމާއި އެއްގޮތަށް 7 ކަމެއް ހުއްޓާލާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފަައިވާ ކަމަށް ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.



ވެރިކަން ބަދަލުވުމުގެ މަރުހަލާގައި މި ސަރުކާރުން މި ވަގުތު ބައެއް ކަންކަން މަޑުޖައްސާލަން އެދިވަޑައިގެން އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ސިޓީފުޅެއް ފޮނުއްވާފައެވެެ. އެކަމާ ގުޅިގެން އިންތިޚާބީ ރައީސްގެ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން އިންތިހާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، އާ ގާނޫނު އަސާސީގެ ދަށުން ދެތިން ހަތަރު ފަހަރެެއްގެ މަތިން ވެރިކަން ބަދަލުވުމުގެ މަރުހަލާ ތަޖުރިބާ ކޮށްފައިވާ ކަމަށެވެ. އަދި އެ ތަޖުރިބާތަކަށް ބަލައި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލުކުރާނެ ރޫޙެއް މިހާރު އެބައޮތް ކަމަށާއި އިންތިހާބީ ރައީސްގެ ސިޓީފުޅުގައި ބަޔާން ކުރައްވާފައިވަނީ އެ ރޫޙާއި ގުޅޭ ކަންތައްތަކެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ސާލިޙާއި ސަރުކާރުގެ އެކި ވުޒާރާތަކުން އިންތިހާބީ ރައީސް އެދިވަޑައިގެންނެވި ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން މިހާރު ދެއްވަމުން ގެންދަވާ ކަމަށެވެ.

"އެ ރޫޙަށް ތަބާވެވަޑަައިގަތުމުގެ އުއްމީދާއި ޔަގީންކަން އެބައޮތް، އެހެންވީމަ އަޅުގަނޑުމެން އުއްމީދުކުރަނީ އެ ރޫޙާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރައްވައި ވެރިކަމުގެ ބާރުތައަ މި މަރުހަލާގައި މި ސަރުކާރުން ފެށިގެން މިދާ ސަރުކާރަށް ބަދަލުވުމުގައި މިދާ ކަންކަން ފުރިހަމަވެގެންދާނެ ކަމަށް، އަދި އެކަމުގެ ތެރޭގައި އާ ސަރުކާރުން ކުރަން ހުރިކަމަކަށް ހުރަސް އެޅިގެން ނުދާނެ ކަަމަށް އަޅުގަނޑު ޔަގީންކުރަން." ފިރުޒުލް ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު މަޑުޖައްސާލަން އެދިވަޑައިގެންނެވި 7 ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

1- ދައުލަތުގެ އެއްވެސް ވަޒީފާއެއް އަލަށް މީހަކަށް ނުދިނުން އަދި މަގާމުގެ ކުރިއެރުން ނުދިނުން.

2- ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓްމަންޓެއް ނުކުރުން.

3- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން.

4- ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް، ވިއްކުމަށް އާ ހުއްދައެއް ނުދިނުން.

5- ޕީއެސްއައިޕީ ނުވަތަ އެހެން އެއްވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން.

6- ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުން.

7- ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން