މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ބަސް ވިދާޅުވުމުގެ އެއްވެސް އިޚްތިޔާރެއް ލިބިގެންނުވާ ކަމަށް އެމްޑީޕީގެ ޕާލިޔަމަންޓްރީ ގްރޫޕްގެ ލީޑަރ އަދި އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ މިއަދު އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިޔަމަންޓްރީ ގުރޫޕުން ފާސްކުރީ އިއްޔެ ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.



މިކަމާއި ގުޅޭގޮތުން ނަޝީދު ވިދާޅުވީ މި މައްސަލަ މީގެ ކުރީގައިވެސް ހުށަހަޅާފައި އަނބުރާ ނަގާފައިވާއިރު މި މައްސަލަ މި ދައުރުގައި ދެން ހުށަނޭޅޭނެ ކަމަށާއި ދެން އަންނަ ދައުރަށް މަޑުކުރެއްވުމަކީ ރަނގަޅު ގޮތް ކަމަށެވެ.

"އެ މައްސަލަ ކުރިއަށްގެންދެވިދާނެކަން ނުވަތަ ނޫންކަން ނިންމެވުމުގެ އިޚުތިޔާރު ލިބިވަޑައިގަންނަވާ ފަރާތެއް ނޫން މަޖިލީހުގެ ރައީސް އަކީ. ޢާންމު ހަމަތަކާއި އުސޫލުތަކަށް ބަލާއިރުވެސް އެފަރާތެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅުނީމަ އެފަރާތަކުން، މަޖިލީހުގެ ރައީސްކަމުގައިވާނަމަ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ ނައިބުރައީސް ކަމުގައިވާނަމަ މަޖިލީހުގެ ރައީސް އިސްވެ ބަސްބުނުމުގެ އުސޫލަކީ ޢާންމު އުސޫލާ ޚިލާފު ހަމައެއް. އެކަން ނިންމަވާނީ މަޖިލީހުގެ އަމީން އާއްމު." އަސްލަމް ވިދާޅުވިއެވެ.

ހަމައެއާއިއެކު، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް ހުށަނޭޅޭނެ ގޮތެއް މަޖިލީހުގެ ޤަވާއިދުގައި ނެތް ކަމަށާއި މައްސަލަ ހުށަނޭޅޭނެ ކަމަށް ބުނެވޭނެ އެއްވެސް ހުއްޖަތެއްވެސް ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް އިއްތިފާގުވީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ރައީސް ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ވަކި ފަރާތަކަށް އިސްކަންދީ މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ކަންކަން ނިންވަމަމުންދާތީ ކަމަށް އަސްލަމް ވިދާޅުވިއެވެ. މަޖިލީހުގެ ޖަލްސާތައް އެތައް ދުވަހެއް ވަންދެން ރައީސް ނަޝީދު ހުއްޓުވިކަމަށާއި، އަލުން ޖަލްސާތައް ފެއްޓެވީވެސް އެމަނިކުފާނުގެ މަސްލަހަތު އޮންނަ ކަންކަން އެޖެންޑާ ކުރެއްވުމަށްކަމުގައި އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން، އެމްޑީޕީން އެ ޖަލްސާތައް ބޮއިކޮޓް ކުރަން ޖެހުނު ކަމަށްވެސް އަސްލަމް ހާމަކުރެއްވިއެވެ.

މީގެ އިތުރަށްވެސް، އެމްޑީޕީން ބޭނުންވަނީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައިވާ އެޕާޓީގެ މެންބަރަކު މަޖިލީހުގެ ރައީސްކަމަށް އިސްކުރަން ކަމަށް އެމްޑީޕީން މީގެ ކުރިންވެސް ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން