ސަރުކާރުން އިންތިގާލީ މަރުހަލާގައި ނުކުރަން ޖެހޭ ކަންތައްތައް ކޮންމެވެސް ވަރަކަށް ކުރަމުންދާ ކަމަށް އިންތިގާލީ ތަރުޖަމާނު ފިރުޒުލް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އިންތިގާލީ މަރުހަލާގެ އަދާހަމަ މައުލޫމާތު ހާމަކުރުމަށް އިންތިގާލީ ރައީސްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވަނީ ސަރުކާރުން އިންތިގާލީ މަރުހަލާގައި ޕީސީބީން އަދި ސިވިލް ސާވިސް ކޮމިޝަނުން މަނާ ކުރި ކަންތައްތައް ކުރާ ކަމުގެ ތުހުމަތުތައް ކުރައްވާފައެވެ.

އެގޮތުން، އޭނާ ވަނީ އިންތިގާލީ މަރުހަލާއަށް ޕީސީބީން އަދި ސިވިލް ސާވިސް ކޮމިޝަނުން ކަނޑައެޅި އުސޫލުތަކާއި ސަރުކާރުން ޚިލާފުވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހާމަކުރައްވާއެވެ. އެގޮތުން މަޤާމުގެ ކުރިއެރުން ދިނުމާއި އައު ވަޒީފާ އުފައްދާ، ވަޒީފާތަކަށް މީހުން އައްޔަނު ކުރުމާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުން ފަދަ ކަންތަައްތައް ސަރުކާރުގެ ބައެއް އޮފީސްތަކުން ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ދައުލަތުގެ ކުންފުނިތަކުގެ ބައެއް ހިސާބު ކިތާބުތަކަށް ބަަދަލު ގެންނަން އުޅޭ ކަމަށާއި ކުރީގެ ތާރީޚަށް ރަސީދު ތައްޔާރުކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ހާމަކުރެއްވިއެވެ. މިފަދަ ކަންތައްތައް ނުކުރުމަށް ފިރުޒުލް އިލްތިމާސް ކުރެއްވިއެވެ.

"ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެމުންދޭ ދައުލަތުގެ ހިސާބުކިތާބަށް، ކުންފުނިތަކާއި މުއައްސަސާތަކުގެ ހިސާބުކިތާބަށް ބަައެއް ބަދަލު ގެނެސް، ކުރީގެ ތާރީހުތަކުގައި ރަސީދުތައް އުފެއްދުމާއި މިފަދަ ކަންތައްތައް ހިނގަމުންދާ ކަމަށް." ފިރުޒުލް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، ދެޤައުމަކަށް ސަފީރުން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ސަރުކާރުން ފޮނުވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް އޮތުމަށްވެސް ފިރުޒުލްގެ ވާހަކައިގައި އިޝާރާތްކުރެއްވިއެވެ. އެކަން އެގޮތަށް ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތަސް، ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ރޫހާއި އެއްގޮތަށް ނިންމެވުންތައް ބައްޓަންކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ނަމަވެސް މިހާތަނަށް ރައީސުލްޖުމްހޫރިއްޔާގެ ހަމައިން ފެށިގެން ސަރުކާރުގެ އެކި އޮފީސްތަކުން ދެއްވާ އެއްބާރުލެއްވުމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވަނީ ފިރުޒުލް ދެއްކެވި ވާހަކަތައް ދޮގުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން