އިލެކްޝަންސް ކޮމިޝަންގެ އިތުރު ދައުރަކަށް އެކޮމިޝަންގެ ކުރީގެ މެންބަރު ނަޝާތު އަޙްމަދު އައްޔަނު ކުރުމަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އާންމުކޮށް ހުޅުވާލައިފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވި ނަޝާތުގެ ދައުރު ހަމަވީ މިދިޔަ ޖޫން މަހުގެ 25ވަނަ ދުވަހުއެވެ. ނަޝާތުގެ ދައުރު ނުނިމެނީސް އިތުރު ދައުރަކަށް އޭނާ އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އޭނާގެ ނަން މަޖިލީހަށް ފޮނުއްވިއެވެ. އެކަމަކު އީސީއަށް މެންބަރަކު އައްޔަންކުރުމުގެ މަސައްކަތް އޮތީ މަޑުޖެހިފައެވެ.



ރައްޔިތުންގެ މަޖިލީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި، އިތުރު ދައުރަކަށް ނަޝާތު އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމާއި މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ މި މަހުގެ 10 ވަނަ ދުވަހުގެ 14:00ގެ ކުރިން ޝަކުވާ ހުށަހަޅާ ފަރާތުގެ ނަމާއި ދާއިމީ އެޑްރެހާއި ފޯނު ނަމްބަރު ޖެހުމަށްފަހު ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނަޝާތުގެ ނަން މަޖިލީހަށް ފޮނުވުުން މިއަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ އެމައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. މަޖިލީހުން ބުނީ އެކޮމިޓީގައި އެމައްސަލަ މިހާރު ދިރާސާ ކުރަން ފަށާފައިވާ ކަމަށެވެ.

ނަޝާތުގެ މެންބަރު ކަމުގެ ދައުރު ހަމަވެފައިވާތީ ފަސްމެންބަރުން ތިއްބަވާ އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބަވަނީ ހަތަރު މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން