ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނާ ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާއި ޖަރީމާތައް ބައިނަލްއަޤުވާމީ ހަމަތަކުގެ މަތިން ވަގުތުންވަގުތަށް ހުއްޓައިލަން އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން އެކަމަށް ގޮވާލީ ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުން ޝަހީދުކޮށް، އެ މީހުންގެ ލޭއޮހޮރުވައިލުމަށް އިސްރާޢީލުން ބަރުހަތިޔާރު ބޭނުންކޮށްގެން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ޔަހޫދީން އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚްތުންނާ ދެކޮޅަށް އިސްރާޢީލުގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ޕާޓީއަކީ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންގެ މިނިވަން ކަމަށް ވަކާލާތުކޮށް، އެ މީހުންގެ ހައްޤުތައް ހިމާޔަތް ކުރަން ތާއަބަދު ގޮވައިލަމުންދާ ޕާޓީއެއްކަން ބަޔާނުގައި ފާހަގަކޮށްފައިވައެވެ.

"ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނާ ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާއި ޖަރީމާތައް ބައިނަލްއަޤުވާމީ ހަމަތަކުގެ މަތިން ވަގުތުންވަގުތަށް ހުއްޓައިލަން މި ޕާޓީން ގޮވައިލަން." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން ފަލަސްޠީނުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް އ.ދއިން ފާސްކޮށްފައިވާ ޤަރާރުތަކަށް އިޙުތިރާމުކޮށް، އެ ޤަރާރުތައް ތަންފީޒު ކުރުމަށް އެމްޑީޕީން ގޮވާލަމުން ދާކަމަށާއި އަދި ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، އެ މީހުން އަޅުވެތިކޮށް، ބައިތުލްމަޤްދިސްގައިވާ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ އަލް-އަޤްޞާއަށް އަތްގަދަކުރުމާ ދެކޮޅަށް އެމްޑީޕީން އަޑުއުފުލަމުންދާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި އެ ޕާޓީއަކީ ސުލްޙައާއި ހަމަޖެހުމަށް ވަކާލާތުކުރާ، މަޝްވަރާގެ އުސޫލުގެ ދަށުން ދެބަސްވުންތައް ހައްލު ކުރަން ބާރުއަޅާ ޕާޓީއެއްކަމަށް ބުނެފައިވެއެވެ. އަދި، އިންސާނީ ހައްޤުތަކަށް އިޙުތިރާމުކޮށް، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހަމަތަކުގެ މަތިން އެ ހައްޤުތައް ކަށަވަރު ކޮށްދިނުމަށް ވަކާލާތުކުރާ ޕާޓީއެއްކަމަށްވެސް ބުނެފައިވެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން