އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ޢައްޔަން ކުރައްވާފައިވާ ޓްރާންސިޝަން ކޮމިޓީން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ޓްރާންސިޝަން ކޮމިޓީގެ ފަރާތުން އިސްކޮށް ހުންނެވީ ކުރީގެ އިސްލާމިކް މިނިސްްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުއެވެ.



މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ އިންތިޚާބުވެ ވަޑައިގެންނެވި ރައީސް، ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ވިދާޅުވެ، ޓްރާންސިޝަން ކޮމިޓީގެ ފަރާތުން މިނިސްޓްރީއަށް ވަޑައިގެންނެވި ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވާފައެވެ.



އަދި މިނިސްޓްރީގެ މަސައްކަތް ކުރިއަށްދާގޮތާއި، ޓްރާންސިޝަން ކޮމިޓީން ބޭނުންވާ މަޢުލޫމާތުތައް ފަސޭހަކަމާއިއެކު ފޯރުކޮށްދީ އެހީތެރިވެދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް އިރުޝާދުދެއްވާފައިވާކަމަށް ވިދާޅުވިއެވެ.



ޓްރާންސިޝަން ކޮމިޓީގެ ފަރާތުން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އެކޮމިޓީއަށް ބޭނުންވާ މަޢުލޫމާތުތައް ފަސޭހަކަމާއިއެކު ހޯދައިދިނުމަށާއި އެ ކޮމިޓީން ކުރައްވާ މަސައްކަތްތަކަށް މިނިސްޓްރީގެ ފަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

‏މި ބައްދަލުވުމުގައި ޓްރާންސިޝަން ކޮމިޓީއަށް ބޭނުންވާ މަޢުލޫމާތު ވަނީ މިނިސްޓަރާއި ހިއްސާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން