ގައުމުތަކުގެ މާލީ ހާލަތު ވަޒަންކުރުމަށްފަހު ރޭޓްކުރާ ފިޗުން ރާއްޖެއަށް ބީ މައިނަސްގެ ކްރެޑިޓް ރޭޓިންެެއެއް ދީފިއެވެ.

ކްރެޑިޓް ރޭޓިންއަކީ، މާލީ އިދާރާތަކުން ލޯނުދޭއިރު އެ ގައުމެއްގެ މާލީ ހާލަތު ވަޒަންކުރުމަށް އެހީތެރިވެދޭ ރޭޓިންެއެކެވެ.

މި މަސައްކަތުގައި އެންމެ ފާހަގަކޮށްލެވޭ ފިޗް ރޭޓިންސްއިން ކޮންމެ އަހަރަކުވެސް ގައުމުތަކުގެ ރޭޓިންތައް އާއްމުކުރަމުންދާއިރު، އެންމެ ފަހުން އާއްމުކޮށްފައިވާ ރޭޓިންގައި ރާއްޖެއަށް ދީފައިވާ ރޭޓިން ވަނީ ބީ މައިނަސްގައި ދަމަހައްޓާފައެވެ. މިއީ ބީ މައިނަސްގައި ރާއްޖޭގެ ރޭޓިން ދަމަހައްޓަމުން އަންނަތާ 3 ވަނަ ފަހަރެވެ.

ބީ މައިނަސްގައި ރާއްޖޭގެ ރޭޓިންގ ދަމަހައްޓާފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ކުރިއެރުމާއެކު އިގްތިސާދީ ކުރިއެރުން ދެމެހެއްޓި، ރާއްޖެއިން ބާއްވަމުންދާ ގުޅުންތަކުގެ ސަބަބުން މާލީ އެހީ ލިބުމަށް އޮތް ފަަސޭހަތަކުގެ ސަބަބުންނެވެ. ނަމަވެސް ދަރަނި ބޮޑުވެފައިވެ، ބޭރު ފައިސާގެ ރިޒާވް ދަށަށް ގޮސްފައިވުމުން އޮތް އިގްތިސާދީ ހިރާސްތަކުގެ ސަބަބުން ފިޗުން ރާއްޖެއަށް ދީފައިވަނީ "ނެގެޓިވް އައުޓްލުކް"އެކެވެ.

ބޭރު ފައިސާގެ ރިޒާވަށް ކުރިމަތިވާ ހީނަރުކަމުގެ ސަބަބުން ޑޮލަރުން ދައްކަންޖެހޭ ބޭރުގެ ލޯނުތައް ދެއްކުމަށް ރާއްޖެއަށް.ދަތިތަކެއް ކުރިމަތިވާނެކަންވެސް ފިޗުން ފާހަގަކުރެއެވެ.

ފިޗުން އަންދާޒާކުރާ ގޮތުގައި މިއަހަރާއި އަންނަ އަހަރުވެސް ރާއްޖޭގެ އިގްތިސާދު ކުރިއަރާނެއެވެ. އެގޮތުން މިއަހަރު 7.2 އިންސައްތަ އަދި އަންނަ އަހަރު 6.6 އިންސަތައިގެ އިގްތިސާދީ ކުރިއެރުމެއް ލިބޭނެއެވެ.

މިއަހަރު 1.9 މިލިއަން ފަތުރުވެރިންނާއެކު ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށާއި، މިއީ ކޯވިޑްގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދާއި އަޅާބަލާއިރު 11.6 އިންސައްތަ އިތުރު އަދަދެއްކަން ފިޗުން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން