އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވަނީ "އެފިޝިއަންސް" ސަރުކާރެއް ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ރަސްއޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، ސަރުކާރެެއް އެކުލަވާލުމުގައި އިންތިހާބީ ރައީސް ބައްލަވާނީ "އެފިޝިއަންސީ" އަށް ކަމަށެވެ. އެގޮތުން އިންތިހާބީ ރައީސް އެކުލަވާލައްވަނީ "އެފިޝިއަންސީ" ސަރުކާރެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި އާ ސަރުކާރުން އެއްވެސް މަގާމެއް އުފައްދަވާނީ އެމަގާމަކުން ކުރަންޖެހޭ މަސައްކަތެއްް ނުވަތަ އެމަގާމަކުން އަދާކުރަން ކަންތައްތަކެއް އޮވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފޯކަސް ކުރާނީ ސަރުކާރުގެ އެފިޝިއަންސީ އަށް، މިތަނުގެ ކީ ލަފުޒަކީ އެފިޝިއަންސީ، ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ އަދަދަށް އެކަމަށް އެކަށޭނަ ވުޒާރާތައް އެކުލަވާލައްވާނެ، އަދި ހަމަ އެކަމާގުޅޭ ގޮތުން މަގާމުތަކާއި ސަރުކާރު ބައްޓަން ކުރައްވާނެ ކަމަށް މިވަގުތު ސީދާ ވަކި ސަރުކާރަކާއި އަޅުވާ ކިޔައި އަދަދަށްވުރެ އިތުރުވެދާނެކަން ނުވަތަ މަދުވެދާނެކަން ދަންނަވަން ދަތި،" ފިރުޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ފިރުޒުލް ވިދާޅުވީ އިންތިގާލީ ކޮމެޓީން ދައުލަތުގެ ހުރިހާ މުވައްސަސާތަކާއި ބައްދަލުކޮށް މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކައުންސިލް އިދާރާތަކާއި މަޝްވަރާކޮށް ކައުންސިލް އިދާރާތަކުގެ ހާލަތާއި އެ ތަންތަނުގެ މަސައްކަތް ބައްޓަން ކޮށްފައި ހުރި ގޮތާއި ބެހޭ މައުލޫމާތު ހޯދަމުން ގެންދާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން