ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމުން ދެން އެންމެ ރީތި ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުންކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައި ވަނީ މަޖިލީހުގެ މެޖޯރިޓީ މެންބަރުން ސޮއިކުރުމަށްފަހުކަމަށެވެ. ނަމަވެސް އަދިވެސް އެކަން ގަބޫލުނުކުރައްވާ، މަގާމުގައި ދެމި ހުންނެވުމަށް ނަޝީދު މަސައްކަތް ކުރައްވަމުންދާކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރައްވާނެކަމަށް ބުނެ ނަޝީދު މިހާރު ދައްކަވަނީ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށް ދައްކާ ވާހަކަތަކެއްކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރައްވައި، ޑިމޮކްރަސީގެ އުސޫލުތަކަށް ތަބާވެ، މަގާމުން އިސްތިއުފާ ދެއްވުމަކީ ރައީސް ނަޝީދަށް އޮތް އެންމެ ރީތި ގޮތްކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

"ގައުމީ މަސްލަހަތަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުން" ސަމީރު ވިދާޅުވިއެވެ. .

މަޖިލިސް ރައީސްކަމުން ނަޝީދު ދުރުކުރުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ނިންމާފައެވެ. ނަމަވެސް ނަޝީދު ވަނީ އެ މައްސަލަ ހުށަނޭޅޭނެކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

ނަޝީދު ވިދާޅުވާގޮތުން މި ދައުރުގައި މަޖިލިސް ރައީސް މަގާމުން ދުރުކުރުމުގެ މައްސަލައެއް ހުށަހަޅާފައި އޮތުމުން، ދެން އެ މައްސަލަ ހުށަހެޅޭނީ އަންނަ ދައުރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން