އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ޕްރޯ-މޯލްޑިވްސް" ޚާރިޖީ ސިޔާސަތަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ތައުރީފުކުރައްވައިފިއެވެ.

އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. މުޢިއްޒުގެ ސިޔާސަތަށް ތައުރީފުކުރެއްވީ އިންތިޚާބީ ރައީސްގެ އަރިހަށް، މިއަދު ހެނދުނު ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައެވެ. މ. ދިމްޔާތުގައި އޮތް މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



މި ބައްދަލުވުމުގައި، އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ދައުރުގައި، އޮސްޓްރޭލިއާއާއެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް އެގުޅުން ގެންދިއުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އޮސްޓްރޭލިއާއާ ދިވެހިރާއްޖެއާ ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުންތައް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

މިބައްދަލު ވުުމުގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއިން ދިވެހި ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދެއްވައި، ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ބިނާކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ފެށިގެންދާ އާ ދައުރުގައި ދެޤައުމުގެ ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

އޮސްޓްރޭލިއާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން