ޕްލާސްޓިކް ކޮތަޅުން މިހާރު ނަގަމުން އަންނަ 2 ރުފިޔާގެ ޓެކްސް، 50 ލާރިއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެއިސްލާޙު މަޖިލީހަށް ހުށައެޅުއްވީ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. ކުނި މެނޭޖުކުރުމާއި ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ރާޝިދު ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައި ސަލީމް މިއަދު ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށުމުން އެކަމުގެ ބުރަ ރައްޔިތުންނަށް އުފުލަންޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ކޮތަޅަކަށް ޗާޖްކުރެވޭ އަދަދު މިހާރަށްވުރެ ދަށްކުރުމަށް ސަލީމް ހުށައެޅުއްވިއެވެ. އެގޮތުން 50 ލާރި ކޮތަޅަކަށް ނަގާ ގޮތަށް އޮތުން ރަނގަޅު ކަމަށާއި، ނަމަވެސް އަހަރުން އަހަރަށް ފީ މުރާޖައާކުރުމަށް ސަލީމް ހުށައެޅުއްވިއެވެ.

އޭގެއިތުރުން ރޯމަސް އުފުލުމާއި ކުނިވާ ޒާތުގެ ކުނި އުކައިލުން ފަދަ ކަންކަމަށް ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުން އިސްތިސްނާ ހާލަތެއްގެ ގޮތުގައި ކަނޑައެޅުށާއި، ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުރުމަށް ސަލީމް ވަނީ ހުށައަޅުއްވައިފައެވެ.

ކުނި މެނޭޖުކުރުމާއި ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި މައިގަނޑު އިސްލާޙަކީ، 50 ކޮތަޅަށްވުރެ ގިނައިން ކޮތަޅު ހުންނަ ކޮތަޅު ބޮޑިތަކުން ފީ ނެގުން އިސްތިސްނާ ކުރުމެވެ. ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި، 50 އަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑި ގަތް ނަމަވެސް އޭގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން