ހުޅުމާލެ ފްލެޓްތަކެއް
ހުޅުމާލެ ފްލެޓްތަކެއް
ހިޔާ ފްލެޓް ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު 15 އަހަރުގެ ކުއްޖާ ޓެކްސީއަށް ނޭރުވި ޑްރައިވަރުގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ހިޔާ އެޗު-6 ޓަވަރުގެ 12 ވަނަ ފަންގިފިލާގެ 15 ވަނަ އެޕާޓްމަންޓުން މަގުމައްޗަށް އެ ކުއްޖާ ވެއްޓުނީ ހޮނިހިރު ދުވަހުގެ ރޭ 11:45 އެހާކަށްހާއިރުއެވެ. އެ ކުއްޖާ މަގުމައްޗަށް ވެއްޓުމުން އެހީވާން ދިޔަ މީހަކު ވަނީ އެގަޑީގައި މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވާ ކުއްޖާ ހޮސްޕިޓަލަށް ގެންދަން އެެދިފައެވެ.

އެހެން ނަމަވެސް، އެ ޓެކްސީ ދުއްވަން އިން ޑްރައިވަރު ވަނީ އެކުއްޖާ ޓެކްސީއަށް އެރުވުމަށް އިންކާރުކޮށްފައެވެ. އޭރުވެސް އެކުއްޖާގެ ބޮލުން ލޭ ފައިބަމުން ދިޔަކަމަށްވެއެވެ. އަދި ފަޔަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ވެއެވެ.

މަންޒަރު ދުށް މީހަކު މީޑިއާއަކަށް މައުލޫމާތުދިން ގޮތުގައި އެވަގުތު މަގުމަތިން މަޑުކުރުވި ފުރަތަމަ ޓެކްސީގެ ޑްރައިވަރ ބުނީ އޭނާގެ ޓެކްސީގެ ސީޓް ހަޑިވެދާނެތީ ކުއްޖާ ޓެކްސީއަށް ނޭރުވޭނެ ކަމަށެވެ. އަދި އެހީވުމުގެ ބަދަލުގައި ޑްރައިވަރ ހުރީ އެ މަންޒަރު ވީޑިއޯކޮށް ފޮޓޯ ނަގަން ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އެކުއްޖާ ވެއްޓުނުތާ ގަޑިއެއްހާއިރު ފަހުން 12:45ގައި އެ ކުއްޖާ މަރުވިކަމަށް ހުޅުމާލެ ހޮސްޕިޓަލުން ކަށަވަރުކޮށްދީފައި ވެއެވެ.

ކުއްޖާ މަރުވި ހާދިސާގެ ތަހުގީގުގެ އިތުރަށް ޑްރައިވަރުގެ މައްސަލަ ވެސް މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން