ސަރުކާރު ބަދަލުވުމުގެ މަރުހަލާ ތެރޭގައި އާ ސަފީރުން އައްޔަންކުރަން އުޅޭތީ އިންތިޤާލީ އޮފީހުން ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލުމަށް މިހާރުގެ ސަރުކާރަށް ގޮވާލައިފިއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންތިޤާލީ މަރުހަލާގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވަނީ ދެ ޤައުމަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް އައްޔަންކުރެއްވުމަށް ރައީސް ޞާލިޙު މިދިޔަ ދެ މަހު ފޮނުއްވި ދެ ސިޓީއެއް ދިރާސާކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވެވިކަން ފާހަގަކުރައްވާފައެވެ.

އިންތިގާލީ އޮފީހުން ވަނީ ވެރިކަން ބަދަލުވާން 37 ދުވަހަށް ވެފައިވާއިރު، ސިޔާސީ މަޤާމުތަކަށް އައު ބޭފުޅުން އައްޔަންނުކުރުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.

ސަފީރުންނަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވި ނަންތަކަކީ ޔޫއޭއީގެ ސަފީރަކަށް ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މިދުފާ ނައީމްއާއި ބަންގަލަދޭޝްގެ ސަފީރަކަށް ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޝީއުނީން ރަޝީދުގެ ނަމެވެ.

މ. ދިމްޔާތުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ އިންތިޤާލީ މަރުހަލާ ތެރޭގައި ސަރުކާރުން މިފަދައިން އަމަލު ކުރުމުން އަލަށް އިންތިޚާބުވީ ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއެޅެން މަގުފަހިވާނެ ކަމަށެވެ. ހަމައެއާއިއެކު، ޤައުމަކަށް ސަފީރުން އައްޔަންކުރެއްވުމުގައި އެޤައުމަކުންވެސް ބައިވަރު މަސައްކަތްތައް ކުރަން ޖެހޭނެ ކަމަށާއި މިއީ ހަމައެކަނި ދިވެހި ސަރުކާރުން ކުރަންޖެހޭ ކަންތައްތަކެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޙަސަނާ

17-Oct-2023

އެކަމާ ހާސްވާނެ ކަމެއް ނެތް. ވެރިކަމާ ހަވާލުވެ ވަގުތުން ވަކިކޮށްލީމައި ނިމުނީ.



ޓްރެންޑިން