މާލެ ސިޓީގެ މޭޔަރ އިންތިހާބުކުރުމަށް ބާއްވާ ތާރީހު އިއުލާންކުރާނީ އެ މަގާމު ހުސްވެފައިވާކަން އެލްޖީއޭއިން އިލެކްޝަންސް ކޮމިޝަނަށް އެންގުމުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މޭޔަރުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ބާއްވާ ބައި އިލެކްޝަން ބާއްވަންޖެހޭކަމަށެވެ. ނަމަވެސް އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ބައި އިލެކްޝަން ބާއްވާނެ ދުވަހެއް ކަނޑައަޅާނީ މޭޔަރުގެ މަގާމު ހުސްވެފައިވާކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ރަސްމީކޮށް އެންގުމުންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މޭޔަރުގެ މަގާމު ހުސްވެފައިވާކަން އެލްޖީއޭ އިން އެންގުމުން 5 ދުވަހުގެ ތެރޭގައި އިންތިހާބަށް އިއުލާނުކުރާނެކަމަށެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި ޑރ. މުހަންމަދު މުއިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ. އެމަނިކުފާނު ނިންމަވާފައިވަނީ ރައީސްކަމުގެ ހުވާ ކުރައްވަންދެން މޭޔަރުގެ މަގާމުގައި ދެމިހުންނެވުމަށެވެ.

ނޮވެމްބަރު 17ގައި މޭޔަރުގެ މަގާމުން އިސްތިއުފާ ދެއްވައިފިނަމަ އެ ދުވަހުން ފެށިގެން 60 ދުވަސް ހަމަވާނީ ޖެނުއަރީ 17 އަށެވެ. އިލެކްޝަނުން ބުނީ އެ ދުވަހުގެ ކުރިން އިންތިހާބު ބާއްވާނޭކަމަށެވެ.

މާލެ ސިޓީގެ މޭޔަރުގެ ހުރިހާ މަސްއޫލިއްޔަތެއް މޭޔަރު މުއިއްޒު މިހާރު ވަނީ ޑެޕިއުޓީ މޭޔަރު ނަރީޝްއާ ހަވާލުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން