އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މި ބައްދަލުވުމުގައި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ ކޮމިޓީގެ މެމްބަރުންނާއި މަޖިލީހުގެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓްރާންސިޝަނަލް ކޮމިޓީގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲއެވެ. އަދި މަޖިލީހުގެ ފަރާތުން، އިސްކޮށް ހުންނެވި އަމީންއާއްމު ފާތުމަތު ނިއުޝާއެވެ.



އިންތިހާބީ ރައީސް މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތަކީ މަޖިލީހުގެ އިދާރާއިން އިންތިޒާމްޖުރާ ރަސްމިއްޔާތެކެވެ. ރައީސްކަމުގެ ހުވާ ކުރާ ރަސްމިއްޔާތަކީ މަޖިލީހުގެ ޖަލްސާއެކެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖުމްހޫރީ މައިދާނުގައި ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ. މިހާރު މަގާމުގައި ހުންނެވި ރައީސް ސާލިހު މަގާމުގެ ހުވާކުރެއްވީ ގަލޮޅު ބޯޅަ ދަނޑުގައެވެ. ރައީސް ޔާމީނާއި ރައީސް ނަޝީދު ހުވާކުރެއްވީ ދަރުބާރުގޭގައެވެ. ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސް ވަހީދުގެ ކުއްލި ހުވާކުރެއްވުން އޮތީ މަޖިލިހުގެ އިދާރާގައެވެ.

30 އަހަރު ވެރިކަންކުރެއްވި ރައީސް މައުމޫންވެސް މަޖިލީހުގެ އިދާރާގައި އާއި އެހެން ބައެއް ތަންތަނުގައި މަގާމުގެ ހުވާ ކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން