އޮމާންއަށް ދަތުރުކުރުމުގައި ދިވެހިންނަށް ހުރި ދަތިތައް ހައްލުކުރަން މަޝްވަރާކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭނެކަމަށް ސަރުކާރުން އިއުލާންކޮށްފައިވާ ދިވެހިންނަށް ވިސާ ލިބެނީ ޝަރުތުތަކަކާއެކުކަން ހަމަވުމުންނެވެ. އެގޮތުން ދާދިފަހުން އޮމާނަށް ދިޔަ ދިވެއްސަކާއި އޭނާގެ އާއިލާ ވަނީ އޮމާނަށް ނާރުވާ އަނބުރާ ފޮނުވާލާފައެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމުން ފޮރިން މިނިސްޓްރީން ބުނީ މިކަމާއި ގުޅިގެން ބެލިބެލުމުން އޮމާން ވިސާ ދިވެހިންނަށް ލިބެނީ ޝަރުތުތަކަކާއެކުކަން އޮމާނުން އަންގާފައިވާކަމަށެވެ. އެހެންކަމުން އެއްވެސް ޝަރުތުތަކާއި ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާކުރަމުންދާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެޤައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވާފައިވަނީ މިއަހަރުގެ މަރޗްމަހުގެ 30 ވަނަ ދުވަހުއެވެ. މިއިންތިޒާމުގެ ދަށުން މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރާ މީހުންނަށް އެޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެޤައުމުގައި ތިބެވޭނެކަމަށްވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ މިގޮތަށް ހާމަކުރައްވާފައިވަނީ އެވަގުތު އޮމާން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ރަސްމީކޮށް އެގޮތަށް މަޢުލޫމާތުދެއްވާފައިވާތީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން