މި ސަރުކާރުން ކުރާ ކަންކަން ހުއްޓާލަން އެންގުމުގެ ބާރެއް އިންތިހާބީ ރައީސަށް ގާނޫނީ ގޮތުން ލިބިވަޑައިގެންފައި ނޯންނާނެކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރުން ވަކި ކަންތައްތަކެއް ނުކުރުމަށް އަންގާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައި ވަނިކޮށެވެ.

ރިއްފަތު ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަ ވަކި ކަންތައްތަކެއް ހުއްޓާލަން ނުވަތަ ނުކުރަން އެންގުމުގެ ބާރެއް ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިހާބީ ރައީސަށް ނޯންނަކަމަށެވެ. އަދި މީގެކުރިންވެސް އަމަލުކުރަމުންދިޔައީ އެހެންކަން އޭޖީ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރިޔާސީ ދައުރު ނިމުމާއި ހަމައަށް ސަރުކާރުން ކުރާންޖެހޭ މަސައްކަތްކުރުމުގައި ދެމިތިބޭނޭ ކަމަށްވެސް އޭޖީ ވިދާޅުވިއެވެ.

"މި ސަރުކާރުން ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން އަދި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުން މަތީ ސަރުކާރުން ދެމިއޮންނަންވާނެ." އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރިފްއަތު ވިދާޅުވިއެވެ.

އޮމާންކަމާއެކު ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުށަހެޅުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވަނީ ހުށަހަޅުއްވާފައެވެ.

ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރައީސް ސާލިހަށް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ މައިގަނޑު 7 ކަމެކެވެ. އެއީ;

1- ދައުލަތުގެ އެއްވެސް ވަޒީފާއެއް އަލަށް މީހަކަށް ނުދިނުން އަދި މަގާމުގެ ކުރިއެރުން ނުދިނުން،

2- ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓްމަންޓެއް ނުކުރުން،

3- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން،

4- ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް، ވިއްކުމަށް އާ ހުއްދައެއް ނުދިނުން،

5- ޕީއެސްއައިޕީ ނުވަތަ އެހެން އެއްވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން،

6- ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުން، އަދި،

7- ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން